ރާއްޖެއިން ބޭރުގައި ތިބުމަށް ފަހު ރާއްޖެ އައިސް ރާއްޖޭގެ ސްކޫލް، ޔުނިވާސިޓީ އަދި ކޮލެޖުތަކަށް ކިޔަވަން ދާ ދަރިވަރުން ކަރަންޓީނު ވާން ޖެހޭ ގޮތް ހަދައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ މިފަދަ ދަރިވަރުންނަށް ރާއްޖެއިން ބޭރުގައި ތިބުމަށްފަހު ރާއްޖެއައިސް 10 ދުވަހުގެ މުއްދަތެއް ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރުން މަޖުބޫރު ވާނެ ކަމަށެވެ. އަދި އެ ދަރިވަރުން ކަރަންޓީނުން ދޫކުރާނީ 10 ދުވަހުގެ މުއްދަތަކަށްފަހު ޓެސްޓުކޮށް، ނެގެޓިވް ސާމްޕަލް ލިބުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މި ފިޔަވަޅު އަޅަން ނިންމާފައި ވަނީ އަން ހޯމަ ދުވަހުން ފެށިގެންނެވެ.
އެޗްޕީއޭއިން މިހެން ބުނެފައި ވާއިރު، ރާއްޖޭން ބޭރުގައި ތިބުމަށްފަހު ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ވިށާގައި އަންނަ މީހުން ކަރަންޓީނު ވަން ނުޖެހޭ ގޮތަށް މިދިޔަ މަސް ތެރޭގައި ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ. އެގޮތުން ރާއްޖެއިން ބޭރުން އަންނައިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް ގެންނަ ނަމަ ކަރަންޓީނު ވާކަން ނުޖެހެއެވެ. ހަމައެއާއެކު، ރާއްޖޭން ބޭރުގައި އުޅުމަށްފަހު ރާއްޖެ އައިސް ޓެސްޓު ހައްދާ ނަތީޖާ ލިބެންދެން ކަރަންޓީނު ވެވޭ ގޮތަށް ވެސް ވަނީ ކަނޑައަޅާފައެވެ.
ނަމަވެސް އެ އުސޫލު އާންމު ކުރުމަށް ފަހު އެޗްޕީއޭއިން ވަނީ ޔޫކޭއިން އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ މީހުން ކަރަންޓީނު ވާން ޖެހޭނެ ކަމަށް ނިންމާފައެވެ. އެމީހުން ކަރަންޓީނުން ދޫކުރާނީ 5 ދުވަހަށްފަހު ޓެސްޓުކޮށް އަދި 10 ދުވަހަށްފަހު ޓެސްޓުކޮށް ނެގެޓިވް ނަތީޖާ ލިބުމުން ކަމަށް އެޗްޕީއޭއިން ކުރިން ވަނީ ބުނެފައެވެ. ހަމައެއާއެކު އެފަދަ މީހުން ރާއްޖެ އަންނައިރު 96 ގަޑިއިރު ހަމަ ނުވާ ޕީސީއާރް ޓެސްޓެއް ގެންނަން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ޔޫކޭއިން އަންނަ މީހުންގެ ތެރެއިން ކަރަންޓީނު ކުރަން ނިންމާފައި ވަނީ ރާއްޖެ ޒިޔާރަތް ކުރުމުގެ 14 ދުވަސް ކުރިން އިނގިރޭސިވިލާތުގައި އުޅެފައި އަދި އެ ގައުމުގައި 12 ގަޑިއިރަށްވުރެ ގިނަ އިރު ޓްރާންސިޓް ކޮށްފައި މީހުންނެވެ.
ރާއްޖެއިން ބޭރުން އަންނަ މީހުންނާމެދު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު އަލުން ހަރުދަނާ ކުރަމުން ދަނީ ޔޫކޭގައި ބާރު ސްޕީޑެއްގައި ފެތުރެމުންދާ ކޮވިޑް-19ގެ އާ ވޭރިއެންޓެއްގެ ސަބަބުންނެވެ.