ހިޔާ މަޝްރޫއުގެ ދަސުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިމާރާތް ކުރާ ފްލެޓްތައް ލިބޭ މުވައްޒަފުންގެ ދާއިމީ ލިސްޓް އެ ކުންފުނިން އިއުލާން ކޮށްފިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 15 ބުރީގެ 3 ޓަވަރު އިމާރާތް ކުރުމަށް ވަނީ ނިންމާފައެވެ. އެމްޕީއެލުން ދޫކުރާ ފްލެޓްތަކުގެ ޕްރޮޖެކްޓް އަގަކީ 566 މިލިއަން (566،576،2191.88) ރުފިޔާއެވެ. މި މަޝްރޫއުގެ މަސައްކަތުގެ 63 ޕަސަންޓް މިހާރު ފުރިހަމަ ކޮށްފައި ވާ ކަމަށް އެމްޕީއެލުން ބުނެއެވެ.

އެމްޕީއެލުން ބުނީ މި މަޝްރޫއު ނިންމުމަށް ކުރިން ހަމަޖެހިފައިވާ ތާރީހަކީ 2020 ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށް ކުރިން ބުނެފައި ވީ ނަމަވެސް ކޮވިޑް-19ގެ ހާލަތާ ގުޅިގެން މަޝްރޫއުގެ މަސައްކަތް ލަސްވެފައި ވާ ކަމަށެވެ. އެހެންކަމުން މި މަޝްރޫއު ނިންމަން ކަނޑައަޅާފައި ވަނީ 2021 އޮކްޓޯބަރު މަހުގެ ނިޔަލަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޕީއެލުން ބުނީ އެ ކުންފުނީގެ ފްލެޓްތައް ލިބޭ ދާއިމީ ލިސްޓުގައު ހިމެނޭ މުވައްޒަފުންނަށް ފްލެޓް ގަތުމަށް 3 ގޮތެއް އިހްތިޔާރު ކުރެވޭނެ ކަމަށެވެ. ފުރަތަމަ ގޮތަކީ އެއްފަހަރާ ފްލެޓަށް ފައިސާ ދެއްކުމެވެ. އެގޮތް އިހްތިޔާރު ކުރާ މުވައްޒަފުން، އެއްބަސްވުމުގައި ސޮއި ކުރާތާ 3 މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ. މި މުވައްޒަފުންނަށް ފްލެޓުގެ ޖުމްލަ އަގުން 7 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ.

ދެވަނަ ގޮތަކީ އެއްއަހަރަށް ބަހާލައިގެން ފައިސާ ދެއްކުމެވެ. މި ގޮތް އިހްތިޔާރު ކުރާ މުވައްޒަފުން، ކަނޑައަޅާފައިވާ މުއްދަތުގައި 20 ޕަސަންޓް ފައިސާ ދައްކަން ޖެހެއެވެ. އެއަށްފަހު ބާކީވާ އަދަދު އެއް އަހަރުގެ މުއްދަތަކަށް ބަހާލައިގެން ދެއްކޭނެއެވެ.

ތިންވަނަ ގޮތަކީ ބޭންކު ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓަކުން ލޯނު ހަމަޖެއްސުމެވެ. މިގޮތް އިހްތިޔާރު ކުރާ މުވައްޒަފުންނަށް ބޭނުންވާ ލިޔެކިއުން ފުރިހަމަ ކުރުމަށް ކުންފުނީގެ ފަރާތުން އެހީތެރިކަން ދޭނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

އެ ކުންފުނިން ވިއްކުމަށް ކަނޑައަޅާފައި ވަނީ 4 ކެޓަގަރީއަކުން 534 ފްލެޓެވެ. އެއީ 1 ކޮޓަރީގެ ފްލެޓުގެ 204 ފްލެޓާއި 1+2 ކޮޓަރީގެ ފްލެޓުގެ 330 ފްލެޓެވެ. 1 ކޮޓަރީގެ ޓައިޕް-އޭ ފްލެޓުތަކުގެ ބޮޑުމިނުގައި 454 އަކަފޫޓު ހުންނައިރު، އޭގެ އަގަކީ 800،000 ރުފިޔާއެވެ. 1 ކޮޓަރީގެ ޓައިޕް-ބީ ފްލެޓްތަކުގެ ބޮޑުމިނުގައި 471 އަކަފޫޓު ހުންނައިރު، 828،132 ރުފިޔާއެވެ.

1+2 ކޮޓަރީގެ ޓައިޕް-އޭ ފްލެޓްތަކުގެ ބޮޑުމިނުގައި 670 އަކަފޫޓު ހުންނައިރު، އޭގެ އަގަކީ 1،500،000 ރުފިޔާއެވެ. 1+2 ކޮޓަރީގެ ޓައިޕް-ބީ ފްލެޓްތަކުގެ ބޮޑުމިނުގައި 686 އަކަފޫޜު ހުންނައިރު، އޭގެ އަގަކީ 1،535،821 ރުފިޔާއެވެ.

މި ފްލެޓްތައް ދިނުމަށް 2018 ވަނަ އަހަރުގެ ފަހުކޮޅުގައި ވަނީ ވަގުތީ ލިސްޓެއް އާންމުކޮށްފައެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް، އަލަށް ހަވާލުވި މެނޭޖްމަންޓުން ޕްއިންޓް ދޭނެ ހަރުދަނާ އުސޫލެއް ކަނޑައަޅައި، ހަމަހަމަ އުސޫލެއްގެ ދަށުން ފްލެޓުތައް ދިނުމަށް އޭރު ނެރުނު ވަގުތީ ލިސްޓު ކެންސަލް ކުރިއެވެ. އަދި 2019 ނޮވެމްބަރުގައި އަލުން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް ހުޅުވާލުމަށްފަހު، އަލުން ހުށަހެޅި ފޯމުތަކާއެކު ވަނީ އެ ފޯމުތަކަށް ލިބުނު މާކްސް ވަގުތުން ދޫކޮށްފައެވެ. އަދި ވަގުތީ ލިސްޓު އިއުލާން ކުރުމަށްފަހު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ދިނުމަށްފަހު ޝަކުވާތަކަށް ވަނީ ރިއާޔަތްކޮށްފައެވެ.

އެއަށްފަހު މިއަދު ވަނީ ފްލެޓް ލިބޭ ދާއިމީ ލިސްޓް އިއުލާން ކޮށްފައެވެ. މި ލިސްޓު އިއުލާން ކޮށްފައި ވަނީ އެމްޕީއެލްގެ މުވައްޒަފުންނަށެވެ. އެ ކުންފުނިން ބުނީ ކުންފުނީގެ އިންޓާނަލް ލިސްޓެއް ކަމުން އާންމުކޮށް އިއުލާން ނުކުރާނެ ކަމަށެވެ.