ރާއްޖޭގެ ނެޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމަށް ދިމާވެފައިވާ ބީސީޖީ ވެކްސިންގެ ދަތިކަން ފޫބެއްދުމަށްޓަކައި، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، އިންޑިއާ ސަރުކާރުން ބީސީޖީ ވެކްސިންގެ 2400 ވައިލް ފޮނުވައިފިއެވެ.
މި ވެކްސިންތައް މިއަދުގެ ވަގުތެއްގައި ރާއްޖެއަށް ފޯރާނެއެވެ.
ބީސީޖީ ވެކްސިންއަކީ ޓީބީ ބަލިން ދިފާއު ވުމަށްޓަކައި ތުއްތު ކުދިންނަށް ދޭ ވެކްސިނެކެވެ. ވެކްސިންގެ މި ޝިޕްމަންޓް ހޯދާ، ޑިސްޕެޗް ކޮށްފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި ދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން އަދި މުމްބާއިގައި ހުންނަވާ ރާއްޖޭގެ އޮނޮރަރީ ކޮންސުލް ގުޅިގެންނެވެ. މިކަން ކޯޑިނޭޓް ކޮށްފައި ވަނީ އިންޑިއާގެ ފަރާތުން އެ ގައުމުގެ ހެލްތް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީންނެވެ
ސިއްހީ ދާއިރާގެ އެއްބާރުލުމަކީ އިންޑިއާ އާއި ރާއްޖޭގެ މެދުގައިވާ ދުވަސްވީ ގާތް ގުޅުމުގެ މުހިންމު އެއް ތަނބެވެ. އެގޮތުން އިންޑިއާ އިން ވަނީ 2020 ވަނަ އަހަރުގެ ޖެނައަރީ މަހުގެ ތެރޭގައި ރާއްޖެއަށް މީސްލްސް، ރުބެއްލާ ވެކްސިންގެ 30،000 ޑޯޒް ފޯރުކޮށް ދީފައެވެ. އަދި ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ދެގައުމުގެ މެދުގައިވާ ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރަށް ވަރުގަދަވެ، އެތައް ގޮތަކުން އެހީ ފޯރުކޮށް ދީފައެވެ.
އެގޮތުން މާޗު 2020 ގައި އިންޑިއާއިން ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ކުރި މަސައްކަތުގައި އެހީތެރިވުމަށް ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ހާއްސަ ޓީމެއް ރާއްޖެއަށް ފޮނުވާފައެވެ. އަދި އޭޕްރިލް 2020 ގައި 5.5 ޓަނުގެ ބޭހުގެ ކޮންސައިންމެންޓެއް ގެނެސްދީ، 6.2 ޓަނުގެ ބޭހުގެ ޝިޕްމެންޓެއް އިންޑިއާގެ 4 ޝަހަރަކުން، އިންޑިއަން އެއާ ފޯސް މެދުވެރިކޮށް ރާއްޖެ ގެނެސް ދީފައެވެ. އަދި އޮގަސްޓް 2020 އިން ފެށިގެން އިންޑިއާއިން ވަނީ ދިވެހިންނަށް ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ދަތުރު ކުރެވޭނެ މަގު ފަހިކޮށްދީފައެވެ.
މީގެ އިތުރުން ދިވެހި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އޮފިޝަލުންނަށް އެކި އޮންލައިން ތަމްރީން ޕްރޮގްރާމްތައް ވެސް އިންޑިއާއިން ވަނީ ހިންގާފައެވެ.
ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުން، އިންޑިއާއިން ވަނީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި ދީލަތި އަދި އަވަސް އެހީ ފޯރުކޮށް ދީފައެވެ. އަދި ބޮޑު ވަޒީރު ނަރޭންދުރަ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ލީޑާޝިޕްގެ ދަށުން، އިންޑިއާ އާއި ރާއްޖޭގެ މެދުގައިވާ އިހްތިރާމާއި، އިތުބާރުން ފުރިފައިވާ ގުޅުން ވަނީ އިތުރަށް ބަދަހިވެގެން ގޮސްފައެވެ.