ރާއްޖެއަށް ކޮވިޑް-19 ވެކްސިން ހޯދުމަށް ސިންގަޕޫރުގެ ކުންފުންޏަކާއެކު ސޮއި ކުރުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ގަރާރެއްގައި ބުނީ ރާއްޖެއަށް ކޮވިޑް ވެކްސިން ހޯދުމަށް ދިވެހި ސަރުކާރާއި އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޑީއާ ކުންފުންޏާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލު ނުކުރުމަށް ނިންމާފައިވާ ކަމަށް އެ ގަރާރުގައި ވެއެވެ.
އެ ގަރާރުގައި ބުނީ ކޮވިޑް ވެކްސިނަކީ މިވަގުތު ވަކި ބައެއްގެ ފަރާތުން ނޫނީ ލިބެން ނެތް ވެކްސިނެއް ކަމުން އެ ވެކްސިން މުޅި ދުނިޔޭގައި ވެސް ދޫކުރަމުން ދަނީ ޕްރޮކިއުމަންޓްގެ ހާއްސަ އުސޫލުން ކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް ބޭނުންވާ ވެކްސިނެއް ކަމުން މި އެއްބަސްވުމުގައި ސޮއި ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އެ ގަރާރުގައި ވެއެވެ.
އެހެންކަމުން މި އެއްބަސްވުމުގައި ސޮއިކޮށް، އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި ދައުލަތުގެ މާލިއްޔަތުގެ ބައެއް މާއްދާތަކަށް އަމަލު ކުރަން ނުޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ކަނޑއަޅުއްވާފައެވެ. މިނިސްޓަރު އަމީރު މިފަދައިން ކަނޑައެޅުއްވީ ދައުލަތުގެ މާލިއްޔަތު ގަވާއިދުން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މާލިއްޔަތު ގަވާއިދުން އަމަލު ނުކުރުމަށް ނިންމާފައި ވާ މާއްދާތައް:
- 10.43 ވަނަ މާއްދާ،
- 10.52 ވަނަ މާއްދާ،
- 10.67 ވަނަ މާއްދާ، އަދި
- 10.71 ވަނަ މާއްދާއެވެ.
މި މާއްދާތަކަށް އަމަލު ނުކުރުމަށް ނިންމާގައި ވަނީ ވެކްސިން ގަތުމަށް ސިންގަޕޫރު ކުންފުންޏާއެކު ސޮއިކުރާ އެއްބަސްވުމާ ގުޅޭގޮތުން އެ އެއްބަސްވުމުގެ މުއްދަތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތުގައި އެކަންކަމާއި ގުޅޭގޮތުން އަމަލު ކުރަން ވާނީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައި ވާ ގޮތަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ އެއބަސްވުމުގެ ދަށުން ކުރާ ހަރަދުތަކުގެ އޮޑިޓެއް އެ މިނިސްޓްރީން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ހަމައެއާއެކު އެ ހަރަދުތައް ހެލްތް މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާ ހާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް ވެސް ވަނީ އަންގަފައެވެ.
ރާއްޖެއިން ގަންނަން ނިންމީ ކޮން ވެކްސިނެއް؟
ރާއްޖެއިން ގަންނަން ނިންމާފައި ވަނީ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނިން ތަރައްގީ ކޮށްފައި ވާ ވެކްސިނެވެ. މި ވެކްސިނަށް އިނގިރޭސިވިލާތުގެ ރެގިއުލޭޓަރުން ރުހުން ދީފައި ވާކަން ހާމަކޮށްފައި ވަނީ ވަނީ އިއްޔެއެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކޮށް، ގައުމުތަކުން ރުހުން ދީފައި ވާ ވެކްސިންތަކަށް ބަލާއިރު އަސްޓްރާޒެނީކާގެ ވެކްސިނަކީ ޖުމުލަ ގޮތެއްގައި އަގުހެޔޮ ވެކްސިނެކެވެ. އަދި މިއީ އެއްތަނުން އަނެއް ތަނަށް އުފުލާ ހަދަން ފަސޭހަ ވެކްސިނެއް ކަމަށްވެސް ބުނެވެއެވެ. އަސްޓްރާޒެނީކާއާ ވާދަ ކުރާ ވެކްސިން ބްރޭންޑްތަކަކީ އިންތިހާ ފިނި މިނުގައި އުފުލާ، ރައްކާކުރަން ޖެހޭ ވެކްސިންތަކެކެވެ.
އަސްޓްރާޒެނީކާގެ ވެކްސިނަކީ 2 ޑިގްރީ ސެލްސިއަސްއާއި 8 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ ފުރިޖެއްގައި 6 މަހެއްހާ ދުވަހަށް ރައްކާ ކުރެވޭ ވެކްސިނެކެވެ. މޮޑާނާގެ ވެކްސިން ރައްކާ ކުރަން ޖެހެނީ މައިނަސް 20 ޑިގްރީ ސެލްސިއަސްގައި ކަމަށް ވާއިރު ވެކްސިން ރައްކާ ކުރެވޭ މުއްދަތަކީ 30 ދުވަހެވެ. ފައިޒާއާއި ބައޮއެންޓެކް ކުންފުނިން ތަރައްގީ ކުރި ވެކްސިން ރައްކާ ކުރަން ޖެހެނީ މައިނަސް 75 ޑިގްރީ ސެލްސިއަސްގައި ކަމަށް ވާއިރު، ވެކްސިން ރައްކާ ކުރެވޭ މުއްދަތަކީ 5 ދުވަހެވެ.
މޮޑާނާއާއި ފައިޒާގެ ވެކްސިންތަކާ ހިލާފަށް އަސްޓްރާޒެނީކާގެ ވެކްސިން ތަރައްގީ ކޮށްފައި ވަނީ ކޮރޯނާވައިރަހުގެ ޖެނެޓިކް އެތިކޮޅުތަކެއް ހަށިގަނޑުގެ ތެރެއަށް ފޯރުކޮށްދޭ އެޑިނޯވައިރަސް ބޭނުން ކޮށްގެންނެވެ. މި ވެކްސިން އިންސާނުންގެ ހަށިގަނޑުގައި ޓެސްޓުކޮށް، އާންމު އުސޫލުން ބޭނުން ކުރުމަށް ހުއްދަ ދީފައި ވަނީ، ވެކްސިނެއް ބޭނުން ކުރުމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހުގައެވެ. މި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކޮވިޑް-19އަށް އިތުރު ވެކްސިންތަކެއްވެސް ދަނީ ތަރައްގީ ކުރަމުންނެވެ. އޭގެ ތެރޭގައި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނާއި ރަޝިއާގެ "ސްޕަޓްނިކް-5" ވެކްސިން ފާހަގަ ކުރެވެއެވެ.