ހުޅުމާލެ ފޭސް 2 ގައި ބާރު ސްޕީޑެއްގައި ދުއްވި ކާރެއް އެކްސިޑެންޓްވެ 2 ކާރަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގީ ހުޅުމާލެ ފޭސް 2 ގައި ނިރޮޅުމަގާ ވީ ދިމާލުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް ޕާކިން ޒޯންގައި އޮތް ކާރެއްގައި ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓްގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:38 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ކާރު ދުއްވަން އިން މީހަކީ ލައިސެންސް ނެތް މީހެއް ކަމަށާއި އޭނާއަކީ އުމުރުން 31 އަހަރުގެ ދިވެއްސެއް ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.

ނަމަވެސް ދެ ކާރަށް ވެސް އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ ގޮތުން ދެ ކާރުގެ ކުރީ ކޮޅަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.