މި ފެށޭ 2021 ވަނަ އަހަރުގެ ހުރިހައި ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނި ކޮށްދޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެ ކޯޓުން ވަނީ 2021 ވަނަ އަހަރު ކާވެނި ކޮށްދޭން ހަމަޖެހިފައިވާ ގަޑިތައް ވެސް އިއުލާން ކޮށްފައެވެ. އެގޮތުން ކޯޓުގައްޔާއި ކޯޓުން ބޭރުގައި ކާވެނި ކޮށްދޭ ގަޑިތައް އެ ކޯޓުން އިއުލާން ކުރިއެވެ. ނަމަވެސް ރަމަޟާން މަހު ރަސްމީ ގަޑީގައި ކާވެނި ކޮށްދޭ ގަޑިތަކެއް އެ ކޯޓުން އިއުލާނެއް ނުކުރެއެވެ. އެ ކޯޓުން ބުނީ އެ ގަޑިތައް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

2021 ވަނަ އަހަރު ފެމިލީ ކޯޓުގައި ކާވެނި ކޮށްދެނީ ކޯޓުގެ ރަސްމީ ގަޑީގައި، ހެނދުނު 8:30 އިން 11:30 އަށެވެ. އަދި މެންދުރު 1:00 އިން 1:45 އަށެވެ. އަދި ނުރަސްމީ ގަޑީގައި ކޯޓު ތެރޭގައި ކާވެނި ކޮށްދެނީ ހަވީރު 4:00 އިން ރޭގަނޑު 9:30 އަށެވެ.

އެ ކޯޓުން ބުނީ އާންމު އުސޫލުން ކޯޓުން ބޭރުގައި ކާވެނި ކޮށްދޭނީ ހަވީރު 4:00 އިން ރޭނގަނޑު 9:30 އަށް ކަމަށެވެ. ނަމަވެސް ވަކި ދުވަސްތަކެއްގައި ކާވެނި ކޮށްދޭ ގަޑިތަކަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން، އޭޕްރީލް 13 އިން މޭ 19 އަށް ކޯޓުން ބޭރުގައި ކާވެނި ކޮށްދޭނީ ރޭގަނޑު 9:45 އިން 10:45 އަށެވެ. އޭޕްރީލް 13 އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. އެ ދުވަހުން ކާވެނިކޮށްދޭ ގަޑިތަކަށް ބަދަލު ގެނެސްފައި ވަނީ ހަ ރޯދަ ނިމެން ދެނެވެ.

އަދި ޖުލައި 16 އިން ޖުލައި 27 އަށް ކޯޓުން ބޭރުގައި ކާވެނި ކޮށްދޭނީ ރޭގަނޑު 8:00 އިން 9:30 އަށެވެ. ޖުލައި 16 އަކީ އަރަފާތް ދުވަސް އައުމުގެ ކުރިން އަންނަ ހުކުރު ދުވަހެވެ. އެ ދުވަހުން ފެށިގެން މިނިވަން ދުވަސް ނިމެންދެން ކާވެނި ކޮށްދޭ ގަޑިތަކަށް މިވަނީ ބަދަލު ގެނެސްފައެވެ. މި ނޫން ދުވަސްތަކުގައި ކޯޓުން ބޭރުގައި ކާވެނި ކޮށްދޭނީ އާންމު އުސޫލުންނެވެ.

ކޮންމެ އަހަރަކު ވެސް ފެމިލީ ކޯޓުން ކާވެނިކޮށްދޭ ދުވަސްތައް ދުރާލާ އިއުލާން ކުރެއެވެ. ކުރިން ބަންދު ދުވަސްތަކުގައި ކާވެނި ނުކޮށްދޭން ނިންމިއަސް މިއަހަރު ވަނީ ހުރިހާ ދުވަހެއްގައި ކާވެނި ކޮށްދޭން ނިންމާފައެވެ. މިއީ މިފަދައިން ހުރިހާ ދުވަހެއްގައި ކާވެނި ކޮށްދޭ ފުރަތަމަ އަހަރެވެ.