މިފެށޭ 2021 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދު 13.5 ޕަސަންޓު ކުރިއަރާނެ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭ އިން ލަފާކޮށްފިއެވެ.

އެމްއެމްއޭއިން ނެރުނު އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، 2020 ވަނަ އަހަރުގެ ރިއަލް ޖީޑީޕީ 29.3 ޕަސަންޓު ދަށް ވާނެއެވެ. އެއީ ފަތުރުވެރިކަމާއި ހޯލްސޭލް، ރީޓެއިލް ވިޔަފާރިއާއި، ރިއަލް އެސްޓޭޓްގެ އިތުރުން ކޮންސްޓްރަކްޝަނާއި ދަތުރުފަތުރު އަދި ކޮމިއުނިކޭޝަން ދާއިރާތަކަށް ބޮޑު ހީނަރު ކަމެއް އައުމުން ކަމަށް އެ ރިޕޯޓުގައި ވެއެވެ.

ނަމަވެސް އަންނަ 2021 ވަނަ އަހަރުގެ ރިއަލް ޖީޑީޕީ 13.5 ޕަސަންޓް ކުރިއަރާނެ ކަމަށް އެ ރިޕޯޓުގައި ވަނީ ލަފާކޮށްފައެވެ.

އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، އަހަރީ ސިފައެއްގައި ބަލާލާއިރު މިދިޔަ ނޮވެމްބަރުގައި ފަތުރުވެރިން ޒިޔާރަތް ކުރުމާއި، ބެޑް ނައިޓުތައް 74 ޕަސަންޓާއި 69 ޕަސަންޓް ދަށްވެފައިވާ ކަމަށެވެ. އަހަރީ ސިފައެއްގައި ނޮވެމްބަރު މަހު ފަތުރުވެރިކަން ދަށްވެފައި ވީ ނަމަވެސް ޖުލައި މަހު ބޯޑަރު ހުޅުވި ފަހުން ފަތުރުވެރިކަން ރަނގަޅު ވަމުން އައި ކަން އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އެ ރިޕޯޓުގައި ބުނީ ނޮވެމްބަރު މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ ޔޫރަޕިއަން މާކެޓުން ކަމަށެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހާ އަޅާބަލާއިރު، މިއަހަރު ނޮވެމްބަރު މަހު ފަތުރުވެރިކަމުގެ ސިނާއަތުގެ ބެޑް ކެޕޭސިޓީ 23 ޕަސަންޓް ދަށްވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި މިދިޔަ އަހަަރު ނޮވެމްބަރު މަހު 60 ޕަސަންޓުގައި ހުރި އޮކިއުޕަންސީ ރޭޓު މިއަހަރު ނޮވެމްބަރު މަހު 24 ޕަސަންޓަށް ވެއްޓިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން މުޅި އަހަރުގެ ފަތުރުވެރި ކަމަށް ބަލާލާއިރު، މިއަހަރު ޖެނުއަރީން ނޮވެމްބަރު މަހުގެ ނިޔަލަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދު 70 ޕަސަންޓް ދަށްވެފައިވާ ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ވެއެވެ. އެ ރިޕޯޓުގައި ބުނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ބެޑް ނައިޓުތައް 65 ޕަސަންޓް ދަށްވެފައި ވާއިރު، އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި މަޑުކުރީ 19.3 ދުވަހަށް ކަމަށެވެ. އަދި 2019 ވަނަ އަހަރުގެ މި މުއްދަތުގައި ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި މަޑުކޮށްފައި ވަނީ 6.3 ދުވަހަށް ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.