އަވިން ހަކަތަ އުފައްދާ ފްލޯޓިން "ސްޓެލްކޯ ގްރީން ލައިފް ސޯލާ ޕޮޑްސް" ތައާރަފު ކޮށްފިއެވެ.
ސްޓެލްކޯއިން މި ޕޮޑް ތައާރަފް ކޮށްފައި ވަނީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އަދި އެ ޕޮޑްތައް ތައާރަފު ކޮށްދެއްވީ އެ ކުންފުނީގެ ބޯޑުގެ ޗެއާމަން މުހައްމަދު ރަޝީދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، އެ ސޯލާ ޕޮޑު ފަރުމާ ކޮށްފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އަވިން ހަކަތަ އުފެއްދުމަށް ބޭނުން ކުރާ ސިސްޓަމުތަކުގެ ތެރެއިން ފެންމަތީގައި ހިފެހެއްޓޭ ގޮތަށް ކޯރުކޯރުގައި އަދި މޫދުގައި ތައްޔާރު ކޮށްފައި ވާ ސިސްޓަމްތައް ދިރާސާ ކުރުމަށް ފަހު އެއަށް ވުރެ ކޮލެޓީ އަދި އަގުހެޔޮ އުފެއްދުމެއްގެ ގޮތުގައި ކަމަށެވެ.
ވ. އަތޮޅުގައި ހިންގި ޕައިލޮޓް ޕްރޮޖެކްޓުން ލިބުނު ތަޖުރިބާއާ އެކު އުފެއްދި ސޯލާ ޕޮޑަކީ 25 އަހަރުގެ ވޮރެންޓީއެއް ދެވޭ ފެންވަރުގެ ސޯލާ ޕޮޑެއް ކަމަށް މުޣުނީ ވިދާޅުވިއެވެ. ހަމައެއާއެކު އެ ސޯލާ ޕޮޑް ފަރުމާކޮށްފައި ވަނީ ޖާގައޮތް ބޮޑު ފަޅެއްގައި ގިނަ ޕޮޑުތަކެއް އެކަތި އަނެކައްޗާ ފަސޭހައިން ގުޅާލައި ރާވާލައިގެން ގިނަ އަދަދެއްގެ ހަކަތަ ނެގޭގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސްޓެލްކޯއިން ބުނީ، އެ ސޯލާ ޕޮޑަކީ ރާއްޖޭގެ މާހައުލާ އެންމެ އެކަށޭނެ ގޮތަށް ފަރުމާ ކޮށްފައި ވާ އެ ކުންފުނީގެ އަމިއްލަ އުފެއްދުމެއް ކަމަށެވެ. މަދު ވަސީލަތް ތަކަކާ އެކު އުފައްދާފައި ވާ އެ ސޯލާ ޕޮޑް ރަނގަޅަށް ބެލެހެއްޓޭ ނަމަ 25 އަހަރު ދުވަހު ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ސޯލާޕޮޑް ގައި 330 ވޮޓްގެ 8 ސޯލާ ޕެނަލް ހަރު ކޮށްފައި ވާ ކަމަށާއި އެ ޕެނަލްތަކުގެ އެފިޝެންސީ ފުރާޅެއްގައި ހަރުކުރާ ޕެނަލްތަކަށް ވުރެ ރަނގަޅުވާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އެއިން ގާތްގަނޑަކަށް މަހަކަށް 360 ޔުނިޓް ކަރަންޓް އުފައްދައި ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ ކުރިޔަށް އޮތް ތަނުގައި ސޯލާ ޕޮޑްގެ އިތުރު ސައިޒުތައް ނެރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހާރު ނެރެފައި ވަނީ 8 ޕެނަލް އާއި 16 ޕެނަލްގެ ސޯލާ ޕޮޑް ކަމަށް އެ ކުންފުނިން ބުނެއެެވެ.
މީގެ އިތުރުން އެ ސޯލާ ޕޮޑަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމާޒު ހިފާފައިވާ ގޮތަށް އިޔާދަކުރަނިވި ހަކަތައިގެ އާ ދައުރެއްގެ ފެށުމަށް ރާއްޖެ އަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރާއި ރައްޔިތުން ދެކެމުންދާ ހުވަފެނުގައި ކުލަ ޖައްސައިދޭނެ ވަސީލަތަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.