މާލޭގައި ބޭއްވި ކާވެނި ހަފްލާއަކުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 68 އަށް އަރައިފިއެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އިތުރު 6 ކޭސްއާއެކު ކާވެނި ހަފްލާއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު 68 އަށް އަރާފައިވާ ކަމަށެވެ. އަދި މި ކްލަސްޓާގެ ކޮންޓެކްޓުންގެ ގޮތުގައި 229 މީހުން ދެނެގަނެވިފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކާވެނި ކްލަސްޓާގެ ކޮންޓެކްޓުންގެ ތެރެއިން 68 މީހަކު ބަލީގެ އަލާމާތް ހުރި ކަމަށެވެ. އަދި ހައިރިސްކް 71 ކޮންޓެކްޓުން މި ކްލަސްޓާގައި ހިމެނޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ހަމައެއާއެކު މި ކްލަސްޓާގެ މީހުންގެ ތެރެއިން 262 ސާމްޕަލް ނަގާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މި ކްލަސްޓާގެ ކޭސްތައް ފެނުނު ގޮތް:

  • 24 ޑިސެމްބަރު - 1 ކޭސް (ފުރަތަމަ ކޭސް)
  • 25 ޑިސެމްބަރު - 12 ކޭސް
  • 26 ޑިސެމްބަރު - 22 ކޭސް
  • 27 ޑިސެމްބަރު - 8 ކޭސް
  • 28 ޑިސެމްބަރު - 3 ކޭސް
  • 29 ޑިސެމްބަރު - 13 ކޭސް
  • 30 ޑިސެމްބަރު - 8 ކޭސް އެވެ.

ޝީ ބިލްޑިންގައި ބޭއްވި ކާވެނި ހަފްލާއިން ގިނަ ބަޔަކު ޕޮޒިޓިވްވެފައި ވަނީ ކޮވިޑް-19 ބަލީގެ އަލާމާތްތައް ހުރި ބަޔަކު މި ކާވެނި ހަފްލާގައި ބައިވެރިވުމުގެ ސަބަބުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.