ހިޔާ" މަޝްރޫއުގެ ކެޓަގަރީތަކަށް ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރުމަށްފަހު، ނެރެފައިވާ ވަގުތީ ލިސްޓްތަކުގެ ދިރިއުޅުމާ ބެހޭ ހާލަތަށް ޕޮއިންޓް ދިން ގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހަޅެމުގެ ފުރުސަތު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ހުޅުވާލައިފިއެވެ.
އެ ކޮމިޓީން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ، މި ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުގެ ހަވީރު 3:00 އަށް ހުޅުވާލާފައި ވާނެ ކަމަށެވެ. އެގޮތުން ޝަކުވަ ހުށަހަޅަން ޖެހެނީ އެކަމަސް ހާއްސަ ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ކޮމިޓީން ބުނެއެވެ.
އެ ކޮމިޓީން ބުނީ "ހިޔާ" މަޝްރޫއުގެ ދަށުން އެ ކޮމިޓީއިން ދިރާސާ ކޮށްފައިވާ ކެޓަގަރީތަކުގެ "ދިރިއުޅުމުގެ ހާލަތު" ބައިން ޕޮއިންޓް ދީފައިވާ ގޮތުގެ މިންގަނޑު އެމި ކޮމިޓީއިން އިއުލާން ކޮށްފައި ވަނީ، H7 ފިޔަވައި އެހެން ކެޓަގަރީތަކުގެ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމަށްފަހު ކަމަށެވެ. އަދި އެކަން ބަޔާންކޮށް އެކި ފަރާތްތަކުން އެ ކޮމިޓީއަށް ޝަކުވާ ހުށަހަޅަމުންދާތީ، ހުރިހާ ފަރާތްތަކަށްވެސް ޝަކުވާ ހުށަހެޅުމަށް ހަމަހަމަ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މިފަހަރު ޝަކުވާ ހުށަހެޅުމަށު ހުޅުވާލީ، އެ ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާއަށް ހުޅުވާލާ ދެވަނަ ފަހަރު ކަމަށެވެ. އެހެންކަމުން މި މުއްދަތުގެ ތެރޭގައި ހުށަހެޅޭ ޝަކުވާތަކުގެ ތެރެއިން ރިއާޔަތް ކުރުމަށް ހަމަޖެހިފައި ވަނީ ހަމައެކަނީ "ދިރިއުޅުމުގެ ހާލަތު" ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން ހުށަހަޅާ ޝަކުވާތަކަށް އެކަނި ކަމަށެވެ. އަދި މިކަމާގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 3010718 އަށް ގުޅުމަށް ފްލެޓް ކޮމިޓީން އެދެއެވެ.
ފްލެޓް ކޮމިޓީން ބުނީ މިހާރު އިއުލާން ކޮށްފައިވާ ވަގުތީ ލިސްޓްތަކާ ގުޅިގެން ލިބިފައިވާ ޝަކުވާތައް ބަލައި، ލިޔުމުން ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި "ދިރިއުޅުމުގެ ހާލަތު" ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން އިތުރަށް ހުށަހަޅާ ޝަކުވާތައް ބެލުމަށްފަހު ވެސް ލިޔުމުން ޖަވާބު ދޭނެ ކަމަށް އެ ކޮމިޓީން ބުނެއެވެ. އެ ކޮމިޓީން ބުނީ ދިރާސާ ކޮށްފައިވާ ކެޓަގަރީތަކުގެ ދާއިމީ ލިސްޓު ނެރުމަށް ހަމަޖެހިފައި ވަނީ ހުރިހާ ޝަކުވާއެއް ބަލައި، ޖަވާބު ދިނުމަށް ފަހު ކަމަށެވެ.