ރުގްޔާ ކުރުމުގެ ނަމުގައި ހަތަރު މައިންނަށް އަނިޔާކުރި މައްސަލާގައި، ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްލާއިލް ވަހީދާއި ރ. ކނދޮޅުދޫ، ދިލްސާދުއާގެ، މުހައްމަދު އަސީލުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ މިދިޔަ ޖޫން 22 އިން ފެށިގެން އޮކްޓޫބަރު 30 އާ ހަމައަށް އެކި ދުވަސްމަތިން ވަހީދުގެ އަނބިދަރިންނަށް ޖިސްމާނީ ހާނިއްކަކޮށް އެމީހުން ގެއިން ނިކުތަ ނުދީ ހިފަހައްޓައިފައިވާތީއެވެ. އަދި އޭނާ އެގެއަށް އެގެއަށް ގެނައި އަސީލް ކިޔާ މީހަކު ލައްވާ، ރުގްޔާ ކުރުމޭ ކިޔައިގެން، ވަހީދުގެ އަނބިދަރިންނަށް ޖިސްމާނީ އަނިޔާއާއި ޖިންސީ ގޯނާކޮށްފައި ވެއެވެ. އެކަން ވަހީދަށް އެނގިހުރެ ސިއްރުކުރި މައްސަލާގައި ވެސް އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވެއެވެ.

މި މައްސަލާގައި ވަހީދުގެ މައްޗަށް ކޮށްފައި ވަނީ 4 ދައުވާ އެކެވެ. އެއީ:

  • ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ (ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 140 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގެ ދަށުން)
  • މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާ މެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާ (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން)
  • ގައިގާ އަތްލުމުގެ ކުށުގެ 2 ދައުވާ (ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގެ ދަށުން)
  • ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށުގެ ދައުވާ (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 124 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން)

މި މައްސަލާގައި އަސީލްގެ މައްޗަށް އުފުލާފައި ވަނީ 7 ދައުވާއެކެވެ. އެއީ:

  • ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން)
  • ގައިގާ އަތްލުމުގެ ކުށުގެ ދައުވާ (ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގެ ދަށުން)
  • އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ (ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން)
  • ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ (ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ރ) ގެ ދަށުން)
  • ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ (ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 140 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގެ ދަށުން)
  • ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން)
  • ކުޑަކުއްޖެއްގެ ހާޒިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ގަބޫލު ކޮށްގެން ޖިންސީ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން)

މި މައްސަލާގައި ޝަމިލުވާ ދެމީހުންގެ މައްޗަށް ޖުމްލަ 11 ދައުވާއެއް ކޮށްފައި ވާއިރު، މިކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސެިއން ޝަމީމް ވިދާޅުވީ ރ. ދުވާފަރުގައި ރުގްޔާ ކުރުމޭ ކިޔައިގެން ކުރީ ޖިސްމާނީ އަދި ޖިންސީ އަނިޔާ ކަމަށެވެ. އަދި ރުހުމާނުލައި ގަޔަށް އަތްލައިގެން "ފަރުވާ" ކުރުމަކީ ދީނެއް ވެސް ގާނޫނެއް ވެސް ދަންނަ ކަމެއް ނޫން ކަމަށެވެ.