ރޫޓް ފިހާރައިގެ ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާ ފޭރެން އުޅުނު މައްސަލާގައި 5 މީެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުން ބުނީ މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ރޫޓް ފިހާރައިގެ ފަރާތުން ބޭންކް އޮފް ސިލޯނަށް ޖަމާކުރުމަށްޓަކައި ގެންދިޔަ 4 މިލިއަނަށްވުރެ ގިނަ ފައިސާ، ޖަމާއަތް ހަދައިގެން ފައިސާ ގެންދިޔަ ފަރާތްތަކަށް ބިރު ދެއްކުމަށްފަހު އެ ފައިސާތައް އަޅާފައިހުރި ފޮށިގަނޑު ފޭރެން އުޅުނު މައްސަލާގައި 5 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ.

މި މައްސަލާގައި ދައުވާ އުފުލާފައި ވަނީ:

  • ލ. ގަން. ތުނޑި، ކީމިޔާގެ، އަބްދުﷲ ރާޝިދު،
  • ގއ. ވިލިނގިލި، ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު،
  • ކ. މާލެ، ދަފްތަރު. ނަންބަރު ރސ 3678، ހުސައިން އަބްދުލްމަޖީދު،
  • ކ. މާލެ، ވ. ޕިންކްވިލާ، އަހްމަދު އަމީރު،
  • ރ. ރަސްމާދޫ، އޯކިޑްމާގެ، މުހައްމަދު އަޒްމީން އަށެވެ.

މި ފަސް މީހުންގެ ތެރެއިން ރާޝިދު، މުސްއަބު، އަބްދުލް މަޖީދުގެ އިތުރުން އަމީރުގެ މައްޗަށް، އުފުލާފައި ވަނީ ފޭރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އުފުލާފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 213 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުންނެވެ.

އަދި ޒްމީންގެ މައްޗަށް، އުފުލާފައި ވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އުފުލާފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 213 ވަނަ މާއްދާގެ (ހ) އާއި، 30 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ، އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، 30 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުންނެވެ.