ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އުފުލައިފިއެވެ.
ޖެނެރަލް ޝިޔާމްގެ މައްޗަށް ދައުވާ ކުރަނީ ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި 2017 ވަނަ އަހަރުން ފެށިގެން ޝިޔާމްގެ ބައްފަ ދިރިއުޅެމުން ދިޔަކަމަށް ބުނާ މައްސަލައިގައެވެ.
އެގޮތުން، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި 1 އަހަރާއި 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް، ޖެނެރަލް ޝިޔާމްގެ ބައްޕަ ދިރިއުޅުމަށް ބަހައްޓައި، އެ މުއްދަތުގައި އޭނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް ވެއެވެ
މި މައްސަލާގައި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ޖެނެރަލް ޝިޔާމްގެ މައްޗަށް އުފުލާފައިވެއެވެ. ދައުވާ އުފުލާ، މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
މި މައްސަލަ ތަހުގީގު ކުރުމަށްފަހު އޭސީސީން ބުނެފައިވާ ގޮތުގައި، އެމްއެންޑީއެފްގެ މަރުކަޒެއްކަމަށްވާ އެމްއާރުސީސީގެ ވީއައިޕީ ގޭގައި މީހުން ބޭތިއްބުމުގައި އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް ނެތެވެ. ނަމަވެސް، އެމްއާރުސީސީގެ އިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރެވޭ ތަންތަން ކަމަށްވާތީ، އެމްއާރުސީސީއަށް ހިނގާ އުސޫލު އެތަނުގެ ވީއައިޕީ ގެއަށްވެސް ހިނގާނެ ކަމަށް އޭސީސީން ބުނެއެވެ. އެހެންކަމުން، އެމްއާރުސީސީގައި އާންމުންނަށް ދިރިނޫޅެވޭ އުސޫލުން ވީއައިޕީ ގޭގައި އާންމުންނަށް ދިރި ނޫޅެވޭނެކަން އެނގެން އޮންނަ ކަމަށް އޭސީސީން ބުނެއެވެ.
ހަމައެހެންމެ، ވީއައިޕީ ގެއަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި، ސިފައިންގެ ހިދުމަތްތަކަށް އަންނަ ހާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ ތަނަކަށްވާއިރު، ދައުލަތުގެ މާލިއްޔާއިން ހަރަދުކުރާ ތަނެއްގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން، މަގާމުގެ ނުފޫޒު ބޭނުންކޮށް އެތަނެއްގެ ވަސީލަތްތައް އެ ފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ދެކޭ ދުވަސްވީ ސަގާފަތެއް ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އޮތުމަކީ އެ އަމަލު ހުއްދަކުރާނެ ނުވަތަ ކޮރަޕްޝަން ހުއްދަވާނެ ކަމެއް ނޫން ކަމަށް ވެސް އޭސީސީން ބުނެއެވެ.