މާލޭގެ ހެންވޭރު ސަރަހައްދުގައި ހުރި ގެއަކަށް ގެންގޮސް ރަހީނު ކުރި ދިވެހި ފިރިހެނަކު އަމިއްލައަށް ސަލާމަތް ވެއްޖެއެވެ.

ފުލުހުން ބުނީ، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 5:30 ހާއިރު ކަަމަށެވެ. ދިވެހި ފިރިހެނަކު ހެންވޭރުގައި ހުރި ގެއަކަށް ގެންގޮސް ރަހީނު ކޮށްފައިވާ ކަމަށާއި އޭނާ ސަލާމަތްވީ އަމިއްލައަށް ކަަމށް ފުލުހުން ބުނެއެވެ.

އަދި މި މައްސަލައިގައި އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

ހެނވޭރު ގެއެއްގައި ފިރިހެނަކު ރަހީނު ކުރި އިރު އޭނާ އަމިއްލަ އަށް ސަލާމަތް ވުމަށް އެގޭގެ ތިން ވަނަ ފަންިފިލާއިން މަގުމައްޗަށް ފުންމާލިކަމަށް އޮންލައިން ނޫހަކުން ބުނެއެވެ. އަދި އޭނާ ރަހީނު ކުރުމުގައި އުޅުނީ ހަތަރު މީހެއް ކަމަށާއި އެ ހަތަރު މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނޭ ކަމަށް އެ ނޫހުން ބުނެއެވެ. އެ ފިރިހެން މީހާ ރަހީނުކޮށްގެން އޭނާގެ ދެ ފޯނާއި ވޮލެޓު ފޭރިގެންފައިވާ ކަމަށް ވެސް އެމީހާއާ ހަވާލާދީ އެ ނޫހުން ބުނެއެވެ.

އެ ގެއަކީ ހެންވޭރު މާވަޑި ހޮޓާ ހުންނަ ކަސްތޫރި ގޯޅީގައި ހުރި ގެއެކެވެ.