އެމްޑީޕީގެ ދެ ސަރުކާރުގައި އެ ޕާޓީގެ ހަރަކާތްތަކުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ފެނިވަޑައިގަތަސް ވެރިކަން ވެއްޓުމަށް ފަހު އައި ބިރުވެރި އަދި އުނދަގޫ ދުވަސްތަކުގައި އެ ޕާޓީގެ ހަރަކާތްތަކުން އޭނާ ފެނިވަޑައިގެންފައި ނުވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ، ސަންގުޓީވީގައި ބޮންޑޭ ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ. ބޮންޑޭ ވިދާޅުވެފައި ވަނީ މިނިސްޓަރު ފައްޔާޒުގެ ވިސްނުމާއި އެމްޑީޕީގެ ގެންގުޅޭ ފިކުރާ ދިމާނުވާ ކަމަށާއި ފައްޔާޒަކީ އިބްރާ އުފެއްދެވި ޕާޓީގެ ވިސްނުމުގެ ބޭފުޅެއް ކަމަށެވެ.

މިކަމަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެމްޑީޕީ މެންބަރެއްގެ ގޮތުގައި ލ. ގަމު ދާއިރާ އޭނާ ތަމްސީލް ކުރެއްވި ކަމަށެވެ. އެ ދުވަސްވަރަކީ ވަރަށް ބިރުވެރި އަދި އުނދަގޫތަކާ ކުރިމަތިވި ދުވަސްވަރެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. އަދި އެ ދުވަސްވަރު އެ ޕާޓީގެ ހަރަކާތްތަކުން ބޮންޑޭ ފެނިވަޑައިނުގަންނަވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރުގައި އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ދުވަސްވަރު ޕާޓީގެ ހަރަކާތްތަކުގައި ބޮންޑޭ ރަނގަޅު މަސައްކަތްތަކެއް ކުރައްވާތަން ފެނިވަޑައިގެންފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ސަންގު ޓީވީ ގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވެފައި ވަނީ އެމްޑީޕީގެ ފިކުރާ ސިޔާސަތުތަކާއި ބީރަށްޓެހި، އެހެން ޕާޓީއެއްގެ ފިކުރާ ވިސްނުން ހުންނެވި ބޭފުޅަކު އެމްޑީޕީގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނެވިޔަސް، އެމްޑީޕީގެ އަސާސްތަކާއި އުސޫލާއި ފިކުރާއި ވަރަށް ދުރުވާނެ ކަމަށެވެ. އަދި އެމްޑީޕީއަކީ ވައްކަމާއި، ކޮރަޕްޝަނާއި، ހިޔާނާތާއި ދެކޮޅު ފިކުރެއް ކަމަށާއި އެހެން ޕާޓީއެއްގެ ފިކުރު ގަބޫލުކުރާ ބަޔަކަށް އެކަން ނޭނގޭނެ ކަމަށެވެ. އެގޮތުން އަދިވެސް ފައްޔާޒަކީ ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ) ފިކުރުގެ ބޭފުޅެއް ކަމަށް ބޮންޑޭ ވިދާޅުވެފައި ވެއެވެ.

އެމްޑީޕީއާ ގުޅީވަޑައިގަތުމުގެ ކުރިން ފައްޔާޒަކީ ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ) ގެ މެންބަރެކެވެ. ނަމަވެސް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ފައްޔާޒު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

އެސްއެލްޕީ އަކީ އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް (އިބުރާ) ނޮވެމްބަރު 25، 2006 ގައި އެ ޕާޓީން ވަކިވުމަށްފަހު އުފެއްދެވި ޕާޓީއެކެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެސްއެލްޕީން ވާދަކޮށް އެ އިންތިހާބުގެ ދެވަނަ ބުރުގައި އެސްއެލްޕީން ވަނީ އެމްޑީޕީއާ އިއްތިހާދުވެފައެވެ. އަދި ފަހުން އިބްރާ ވަނީ އެސްއެލްޕީ ދޫކުރައްވާ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އޭރު އިބްރާ އާއެކު ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން ހަސަން ލަތީފް ވެސް އެމްޑީޕީއާއި ގުޅިވަޑައިތެވެ.

އެސްއެލްޕީ އިން އެމްޑީޕީއަށް ގުޅިވަޑައިގެން ދެ ބޭފުޅުން ކަމަށްވާ ފައްޔާޒާއި ހަސަން ލަތީފް މަގާމުން ދުރު ކުރުމަށް މިހާރު ވަނީ ރައީސް އާ ހަމައަށް މައްސަލަ ފޮނުވާފައެވެ. އެގޮތުން ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އުޅުނު އިރު އެކަމުގެ ސަބަބެއް މިހާތަނަށް އެކަމުގައި އުޅުއްވާ އެއްވެސް ބޭފުޅަކު ހާމަކުރައްވާފައެއް ނުވެއެވެ.

އަދި ހަސަން ލަތީފް އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން ވަކި ކުރުމަށް އެދި ރައީސަށް ސިޓީ ފޮނުވާފައި ވަނީ ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ ފޮނުއްވި ސިޓީއަކަށް ދެއްވި ޖަވާބުގައި ހަސަން ލަތީފް ނަޝީދު ދިފާއު ކުރެއްވުމުންނެވެ.

މި މައްސަލައިގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ދެބަސްވުންތަކެއް ދަނީ އުފެދެމުންނެވެ.