އިއްޔެ ތަސްދީގު ކުރި ފުލުހުންގެ ގާނޫނުން ފުލުހުން ޒިންމާދާރު ކުރުވައި އަދި ޖަވާބުދާރީ ކުރުވުމަށް ފުލުހުންގެ ހިދުމަތުގެ ވޭތުވެދިޔަ 87 ވަރަކަށް އަހަރުގެ ދިގު ތާރީހުގައި މީގެކުރިން ލިބިފައި ނުވާ މިންވަރަށް ޖާގަ ހޯދައި ދީފައި ވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ އަޕާ ސައުތު ޕޮލިސް ޑިވޝަންގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ސީޕީ ވަނީ އަލަށް ތަސްދީގުކުރި ފުލުހުންގެ ގާނޫނުގައި ވާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން، އެ ގާނޫނުގައި އަތޮޅު ތެރޭގައި ފުލުހުންގެ ހިދުމަތް ލާމަރުކަޒީ އުސޫލުން ހިންގުމަށް ވަރަށް ބޮޑަށް ބާރު އަޅާފައިވާ ކަން ސީޕީ ފާހަގަ ކުރެއްވިއެވެ. ސީޕީ ވިދާޅުވީ އަތޮޅުތަކުގައި ގާއިމް ކޮށްފައިވާ ފުލުހުން ދެމުންދާ ހިދުމަތްތައް ދިނުމުގައި ކުރަންޖެހޭ ކަންކަން މާލެއިން ކަނޑައެޅުމުގެ ފަލްސަފާއަށް ނިމުމެއް ގެނައުމުގެ މަގު މިގާނޫނުން ފަހިވެގެން ދާނެ ކަމަށެވެ.

ހަމައެއާއެކު ފުލުހުން ޒިންމާދާރު ކުރުވައި އަދި ޖަވާބުދާރީ ކުރުވުމަށް ފުލުހުންގެ ހިދުމަތުގެ ވޭތުވެދިޔަ 87 ވަރަކަށް އަހަރުގެ ދިގު ތާރީހުގައި މީގެކުރިން ލިބިފައި ނުވާ މިންވަރަށް މި ގާނޫނުން ޖާގަ ހޯދައި ދީފައި ވާ ކަމަށް ސީޕީ ވިދާޅުވިއެވެ. ސީޕީ ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުމާއެކު އުފެދިގެންދާ ޕޮލިސް ބޯޑަކީ ފުލުހުންގެ މަސައްކަތަށް ފާރަވެރިވެ ފުލުހުން ޒިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވުމަށް މިހާރަށްވުރެ ފުޅާ ފުރުސަތުތަކެއް ހޯދައިދޭނެ ބޯޑެއް ކަމަށެވެ.

އަދި މިއީ ކުރިއަރާފައިވާ ތަހުޒީބު ޑިމޮކްރެޓިކް މުޖުތަމައު ތަކުގައި ވެސް ކަން ކުރަމުން އަންނަ ގޮތްކަން ސީޕީ ފާހަގަ ކުރެއްވިއެވެ. އޭނާ ވަނީ ރައްޔިތުންގެ ހިޔާލާއި ހުށަހެޅުންތަކުގެ އިތުރުން ޖިނާއީ އަދުލުގެ ދާއިރާތަކުގެ އެންމެހާ ފަރާތްތަކުގެ ލަފައާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ވެސް މަޝްވަރާއާއެކު ފުލުހުންގެ ހިދުމަތުގެ ގާނޫނު ވުޖޫދަށް ގެނެސްދިން ކަމަށްޓަކައި ރައްޔިތުުންގެ މަޖިލިހުން ކޮށް ދީފައިވާ މަސައްކަތަށް ޝުކުރު އަދާ ކުރައްވާފައެވެ.

މީގެ އިތުރުން ފުލުހުންގެ މުއައްސަސާގެ އެންމެހާ މެންބަރުން މިފަދަ ތަހުޒީބު ބަދަލުތަކަށް ހުޅުވި ރައްޔިތުން މުއައްސަސާއަށް ކުރާ އިތުބާރު އިތުރު ކުރުމަށްޓަކައި ކޮންމެ ދުވަހަކު ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް ފުލުހުންނާއި ފުލުހުންގެ މުއައްސަސާގެ އެންމެހާ މުވައްޒަފުންނަށް ވެސް ސީޕީ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.