ދިވެހި ފުލުހުންގެ ހިދުމަތުގެ "އަޕާ ސައުތު ޕޮލިސް"ގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ނައިބު ރައީސް ފައިސަލް ނަސީމް، ރަސްމީކޮށް ފައްޓަވައި ދެއްވައިފިއެވެ.

އެމަނިކުފާނު މި ހިދުމަތް އިފްތިތާހު ކޮށްދެއްވީ، އެ ކަމަށްޓަކައި މިއަދު މެންދުރު ކުރީގައި ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމުކޮށް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް ބޮޑު ސަމާލުކަމެއް އަދި އިސްކަމެއް ދެއްވާ ކަމެއް ކަމުގައެވެ.

ފުލުހުންގެ ހިދުމަތް ކުރިއަށްވުރެ ހަރުދަނާކޮށް، އެއީ ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ކޮވިޑް-19ގެ ހާލަތުގައި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްތެރި ކަން ކަށަވަރު ކުރުމަށް ދިވެހި ފުލުހުން ކޮށްފައިވާ އަދި މިހާރު ވެސް ކުރައްވަމުން ގެންދާ މަސައްކަތް ފާހަގަކުރައްވާ، ނައިބު ރައީސް ވަނީ ހުރިހާ ފުލުހުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ނައިބު ރައީސް ފައިސަލް ނަސީމް / ފޮޓޯ: ރައީސް އޮފީސް

"އަޕާ ސައުތު ޕޮލިސް"ގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ފައްޓަވައި ދެއްވުމަށްފަހު، އެކަން ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ އިދާރާއިން ގއ. އަދި ގދ. އަތޮޅުގެ ރައްޔިތުންނަށް އަރުވާ ހަނދާނީ ފިލާ، އެ ދެ އަތޮޅުގެ ކައުންސިލާ ނައިބު ރައީސް ވަނީ ހަވާލު ކޮށް ދެއްވާފައެވެ.

ނައިބު ރައީސް ވިލިނގިއްޔަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި، މިއަދު މެންދުރު ގއ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ، ކޯވިޑް-19 އާ ގުޅިގެން ތައްޔާރުކޮށްފައިވާ އިންތިޒާމުތަކާ ގުޅޭ މައުލޫމާތު ވެސް ވަނީ ސާފު ކުރައްވާފައެވެ. އަދި ރޭ ވިލިނގިލީގައި ބޭއްވި އެއްބައިވަންތަކަމުގެ ޖަލްސާގައި ވެސް ބއެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެމަނިކުފާނު މާލެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މިރެއެވެ.