ބަންދުގައި ބަހައްޓައިން ކޯޓަށް ހާޒިރު ކުރުމަށްޓަކައި ދެ މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރި ކަމަށް އެދިއްޖެއެވެ.

ފުލުހުން ބުނީ މި ދެމީހުން ހޯދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރު ކުރެވިފައި ނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ، ގދ. ގައްދޫ،ތިބްރޯޒްގެ، މުހައްމަދު އަރީފް (40އ) އާއި ށ.މަރޮށި، ޖޭމުގެ، މުހައްމަދު ޝުކުރީ ހުސައިން (54އ) އެވެ.

މުހައްމަދު އަރީފް ހޯދަމުން ދަނީ ސިވިލް ކޯޓުގައި ދައުވާ ކުރާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީއެވެ. އަދި ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާއިރު، އޭނާ ހަޒިރު ކުރަން ޖެހެނީ މިމަހު 30 ވަނަ ދުވަހުގެ މެންދުރު 1:00އަށެވެ.

މުހައްމަދު ޝުކުރީ ހުސައިން ހޯދަމުން ދަނީ ސިވިލް ކޯޓުގައި ދައުވާ ކުރާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީއެވެ. އަދި ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާއިރު، އޭނާ ހަޒިރު ކުރަން ޖެހެނީ މިމަހު 30 ވަނަ ދުވަހުގެ މެންދުރު 1:15 އަށެވެ.

އެހެންކަމުން، މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅައި، އެ މައުލޫމާތެއް ހިއްސާ ކޮށް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ. ފުލުހުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ވެސް އަދާކޮށްފައެވެ.