ށ. މިލަންދޫގައި މިއަދު މޫދަށް އެރި އުޅުނު އަންހެނަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް ރައީސް އަބްދުﷲ ފާއިޒް ވިދާޅުވީ މިއަދު ނިޔާވި އަންހެން މީހާއަކީ އޭނާގެ މަންމައާއެކު ވަރަށް ގިނައިން މޫދަށް ގޮސް އުޅޭ މީހެއް ކަމަށެވެ.
މަރުވި 33 އަހަރުގެ މީހާ މިއަދުވެސް މެންދުރުފަހު މޫދަށް ދިޔައީ އޭނާގެ މަންމައާ އެކު ކަމަށާއި މޫދުން އަރައި ގެއަށް ދާން އުޅެނިކޮށް ކުއްލިއަކަށް ހޮޑުލާފައި ހޭނެތުނީ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެވަގުތު އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ ކަަމަށާއި، އޭނާ ނިޔާވީ ސިއްހީ މަރުކަޒުގައި އޮއްވާ ކަމަށް ފާއިޒް ވިދާޅުވިއެވެ.
ފާއިޒް ވިދާޅުވީ، އޭނާ ސިއްހީ މަރުކަޒަށް ގޮސް އެތަނުގައި މަޑު ކުރުމަށްފަހު އެނބުރި ގެއަށް ދިޔަފަހުން އޭނާ ނިޔާވި ކަމުގެ ހަބަރު ލިބުނު ކަމަށެވެ.
އެ ޒުވާނާ ނިޔާވީ ކިހިނެއް ވެގެން ކަން ސާފު ނުވާ ކަމަށައި އެކަމާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ޑޮކްޓަރުންވެސް ހާމަނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަރުވި އަންހެން މީހާ އުޅެނީ ކައިވެނިކޮށްގެންނެވެ. އެ ދެމަފިރިންގެ ދަރިއެއް ނުހުރެއެވެ.
އޭނާ ވަޅުލަން ހަމަޖައްސާފައި ވަނީ މިރޭގެ އިޝާ ނަމާދަށް ފަހުއެވެ.