އައްޑޫ ސިޓީގައި ހިންގަމުންދާ ފްލައިން ސްކޫލުގައި ހުރި މައްސަލަތައް ހައްލު ނުވެ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ގޮތަށް އަމަލުކުރަމުންދާ ކަމުގެ ޝަކުވާތައް އިތުރުވެފައިވަނިކޮށް، އެ މައްސަލަތައް ހައްލުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީގެ މެންބަރުން މިއަދު އައްޑޫއަށް ވަޑައިގެންފިއެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ މީޑިއާ އަދި ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ހަ މެންބަރަކު މިއަދު އައްޑޫއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.

ފްލައިން ސްކޫލްގެ މައްސަލާގައި މާދަމާގެ ނިޔަލަށް ކުރައްވާ ދަތުރުގައި، އައްޑޫ އެއާޕޯޓާއި، ސިޓީ ކައުންސިލްގެ އިތުރުން ފްލައިންގް ސްކޫލާއި އެތަނުގައި ކިޔަވާ ދަރިވަރުންނާ ކޮމިޓީގެ މެންބަރުން ބައްދަލުކުރައްވައި، އެ މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް ޒިޔާއު ވިދާޅުވިއެވެ.

ފްލައިން ސްކޫލުގެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ފެށުނީއްސުރެވެސް ފްލައިން ސްކޫލްގެ މިފަދަ މައްސަލަތަކެއް އޮތް އިރު ރާއްޖޭގައި ހިންގާ ހަމައެކަނި ފްލައިން ސްކޫލަށް ވެފައި މިފަދަ ކަންކަމަށް ފިޔަވަޅު ނާޅާ މައްސަލަ ހައްލު ނުކުރެވި އޮތުމުން ގިނަ ބަޔަކުވަނީ ސިވިލް އޭވިއޭޝަނާއި ޓްރާޏްސްޕޯޓް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަނަށް ފާޑުކިއުންތައް އަމާޒުކޮށްފައެވެ.

މީގެ ކުރިން ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް އެ ސްކޫލްގެ އިހުމާލުން ލަސްވަމުން ދާތީ ދަރިވަރުން އެ ކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. މިހާރު މި މައްސަލަ ސިވިލް އޭވިއޭޝަން އާއި، އޭޑިއުކޭޝަންއާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅާފައިވާ އިރު މި މައްސަލަ ދަނީ އެތަންތަނުން ބަލަމުންނެވެ.

އަދި އެ މައްސަލައިގައި ދާދި ފަހުން ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް ވެސް ގޮސްފައިވާއިރު، އެކަމަށް އަދިވެސް ހައްލެއް ލިބިފައިނުވާކަމަށް ދަރިވަރުން ދަނީ ބުނަމުންނެވެ.