ފަތުރުވެރިކަން ތަރައްގީ ކުރުމަށް އުތުރުގެ ހަތަރު ރަށެއް ބީލަމަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ފަތުރުވެރިކަން ތަރައްގީކުރަން ބީލަމަށް ހުޅުވާލާފައި ވަނީ ހއ. އަލިދުއްފަރު ފިނޮޅާއި ހދ. ވައިކަރަމުރައިދޫ އާއި ށ. ކުޑަޅައިމެންދޫގެ އިތުރުން ނ. ކުންނަމެލައި ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ބީލަމަށް ހުޅުވާލި ރަށްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް އަންނަ ޖެނުއަރީ 14ވަނަ ދުވަހުގެ މެންދުރު 1:00ގައި ޒޫމް މެދުވެރިކޮށް ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޖެނުއަރީ 13ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލް [email protected] އަށް ބީލަމަށް އެދި ނަމާއި، އީމެއިލް އެޑްރެސްގެ އިތުރުން ފޯނު ނަންބަރު މެއިލް ކުރަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ އަހަރުގެ މާޗު މަހުގެ ހަތްވަނަ ދުވަހު ހެނދުނު 10:00 އަށެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ ބީލަން ފޮތް ގަންނަން ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމު އެ މިނިސްޓްރީގެ ވެބައިސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ. އަދި އެ ފޮތް ލިބޭނީ މި މަހުގެ 31އިން ފެށީގެން އަންނަ މާޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00އިން މެންދުރު 1:00އާ ދެމެދު ޓޫރިޒަމް މިނިސްޓްރީގެ ރިސެޕްޝަނުން ކަމަށެވެ.