މާލޭގައި ބޭއްވި ކާވެނި ހަފްލާއަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 37 އަށް އަރައިފިއެވެ.

މި ކްލަސްޓާ އާ ބެހޭ މައުލޫމާތު އެނގޭ ފަރާތަކުން "ދަ ޕްރެސް" އަށް މައުލޫމާތު ދީފައި ވާ ގޮތުގައި ރެއިންސުރެ އިތުރު ދެ މީހަކު ޕޮޒިޓިވްވެފައި ވެއެވެ. އަދި ޕޮޒިޓިވްވި ޖުމްލަ މީހުންގެ ތެރެއިން 5 މީހަކީ ކާވެނި ކުރި ދެމަފިރިންގެ އާއިލާ މީހުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ކާވެނި ހަފްލާއިން ގިނަ ބަޔަކު ޕޮޒިޓިވް ވުމާ ގުޅިގެން ކައިވެނި ކުރި ދެމަފިރިން ވެސް ވަނީ ކޮވިޑަށް ޓެސްޓު ކޮށްފައެވެ. ނަމަވެސް އެ ދެމަފިރިންގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ.

ޝީ ބިލްޑިންގައި ބޭއްވި ކާވެނި ހަފްލާއަކުން 35 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ރޭ އެޗްއީއޯސީން ވަނީ ބުނެފައެވެ. ނަމަވެސް އެ ކްލަސްޓާއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެޗްއީއޯސީއާ ސުވާލު ކުރުމުން ވެސް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަން ފާހަގަ ކޮށްލެވެއެވެ.

ގަތްގަނޑަކަށް 120 މީހުން ބައިވެރިވި އެ ކާވެނި ހަފްލާފައި ބައިވެރިވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދަމުންދާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. އަދި ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކު މި ހަފްލާގައި ބައިވެރިވެފައި ވާއިރު، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކު މީހުން ހިމެނޭ ކަމަށް ވެސް އެޗްއީއޯސީން ބުންޏެވެ.

މި ހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗްއީއޯސީން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅާ ވިހާވެސް ގިނަ މައުލޫމާތު ހިއްސާ ކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ސެންޓަރުން ބުނެއެވެ. އަދި އެ ސެންޓަރުން ގުޅިފައި ނުވި ނަމަވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިބުމަށް އެޗްއީއޯސީން ވަނީ އެފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.