އިންތިގާލީ އިންސާފުގެ ބިލަކީ އެމްޑީޕީން އަމިއްލަ ކަރަށް މަހާލި މަޅިއެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ ރޭ އިދިކޮޅު ކޯލިޝަނުން "ވިސްނާ" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަަމުންނެވެ. ޖަމީލު ވިދާޅުވީ އިންތިގާލީ އިންސާފުގެ ބިލަކީ އެމްޑީޕީން އަމިއްލަ ކަރަށް މަހާލި މަޅިއެއް ކަމަށާއި، އެއީ އެ ގާނޫނުގެ ދަށުން އެތައް މައްސަލައެއް ބެލޭތީ ކަމަށެވެ. އެގޮތުން އަބްދުﷲ ގާޒީ ވަގަށް ނެގި މައްސަލައާއި ސިޔާސީ ލީޑާރުން ނިޒާމުން ބޭރުކުރި މައްސަލަ ބެލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ޖަމީލު ވިދާޅުވީ މި ގާނޫނަކީ މިއަދުގެ ސަރުކާރުން ވަކި ބަޔަކަށް އަމާޒު ކުރި ބިލެއް ކަމަށެވެ. ނަމަވެސް މި ގާނޫނު ފުރިހަމައަށް ތަންފީޒު ކުރާނީ ޕީޕީއެމުން ކަމަށާއި އެމްޑީޕީން މި ގާނޫނު ތަންފީޒު ނުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ނޮޮވެމްބަރު 3، 1988 ގައި ޝަހީދުވި ބަތޮލުންގެ އާއިލާތަކަށް އިންސާފު ހޯދައިދޭނެ ކަމަށެވެ. އަދި މި ގާނޫނު ތަންފީޒު ކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވެސް ފިޔަވަޅު އެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ކުރިން ވިދާޅުވަމުން ގެންދެވީ ރައީސް ނަޝީދު ދިގު މުއްދަތަކަށް ޖަލުގައި އޮންނަވާނެ ކަމަށް ކަމުގައި ވިޔަސް މިހާރު އެހެން ވިދާޅުވެވެން ނެތް ކަމަށާ ރައީސް ނަޝީދު ޖަލުގައި އޮންނާނެ މުއްދަތަކީ 1000 އަހަރު ކަމުގައި ޑރ. ޖަމީލު ވިދާޅުވިއެވެ.