ބޭރސްފަރުވާ ކުރެއްވުމަށް ވެސް ގައުމު ދޫކޮށްފައި ވަޑައިނުގަންނަވާނޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ކަމަސް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިފަދައިން ވިދާޅުވީ ރޭ އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި "ވިސްނާ" ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަދުރޭ ވިދޅާުވީ ރައީސް ޔާމީން ޖަލަށް ލިތާ 1 އަހަރު ފުރުނު ދުވަހު އެމަނިކުފާނާ ފޯނުން ގުޅައިގެން ވާހަކަ ދެއްކެވުމުގެ ނަސީބު އޭނާއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
އަދި އެދުވަހު ވެސް ރައީސް ޔާމީން ސުވާލު ކުރެއްވީ ގައުމަށް ވަނީ ކީއްތޯ އާއި، ގައުމަށް ވާ ގޮތާއި، ގައުމުގެ އިގްތިސޯދު ވެއްޓެމުންދާ އަނދަވަޅާ ދޭތެރޭ ވިސްނަނީ ކިހާވަރަކަށްތޯ އެއްސެވި ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ގައުމުގައި ހިނގަމުންދާ ކަންތަކާ މެދު ފާރަވެރިވެ ރަނގަޅު ކަންތަކަށް ވަކާލާތު ކުރަމުން ދަނީ ކިހާވަރަކަށްތޯ ވެސް އެމަނިކުފާނު ސުވާލު ކުރެއްވި ކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ބޭސްފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމާ ބެހޭގޮތުން ވާހަކަ ދެއްކެވެމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ރާއްޖެ ދޫކުރައްވައި ފިއްލަވައިގެން ވަޑައިނުގަންނަވާނެ ކަމަށް ކަމުގައި އަދުރޭ ވިދާޅުވިއެވެ.
"ވިސްނާ"ގެ ނަމުގައި އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެ ވަޑައިގެންނެވި ވައުދުފުޅުތަކާ ބެހޭގޮތުން އަދުރޭ ވަނީ ސުވާލު ކުރައްވާފައެވެ.
އޭނާ ވިދާޅުވީ މިއަދު ރައްޔިތުން ތިބީ ހާޅުގައި ޖެހިފައި ކަމަށާއި، ކަނޑުމަތީގައާއި އެއްގަމުގައި ވެސް މުޒާހަރާތައް ކުރަމުްނދާ ކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ގައުމުގެ ހާލާމެދު ރައްޔިތުން މިހާރު ވިސްނަމުންދާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.