އެމްޑީޕީގެ ރަށްވެހި ފަތިހަށް ކައުންސިލުތައް ދީފިނަމަ މުޅި ރާއްޖެ އޮންނާނީ ފެއިލްވެފައި ކަމަށް ރައްޔިތުން މަޖިލިހުގެ ގުރައިދޫ ދާއިރާ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.

ޣައްސާން މިފަދައިން ވިދާޅުވީ ރޭ އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި "ވިސްނާ" ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޣައްސާން ވިދާޅުވީ ހިތްދަމައިގަންނަ ގޮތަކަށް ޝިއާރުތަކެއް ބޭނުންކޮށްގެން ކެމްޕޭން ކުރުމަކީ އެއީ އެ މީހަކު މަސައްކަތަށް ގާބިލުވާ ސަބަބެއް ނޫންކަން މިހާރު ރައްޔިތުންނަށް ފަހުމް ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޣައްސާން ވިދާޅުވީ ޕީޕީއެމުން އަބަދުވެސް މަސައްކަތް ކުރަނީ ގައުމަށް ހިދުމަތް ކުރަން ކަމަށެވެ. ނަމަވެސް ހަމައެކަނި "ފޮނި ވާހަކަ" ތަކުން ރައްޔިތުން ހައްލައިގެން އިންތިހާބުތައް ހޯދަމުންދާ ބަޔަކު ވެސް ރާއްޖޭގައި އެބަތިބި ކަމަށެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އަދި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު ވެސް އެމްޑީޕީން ކާމިޔާބު ކުރީ އެފަދަ ވާހަކަތައް ދައްކައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީހުން ހިތްހަމަޖެހޭ ގޮތަކަށް މުހާތަބު ކޮށްލާފައި ހިތްދަމައިގަންނަ ގޮތަކަށް ޝިއާރުތައް ހަދައިގެން ކެމްޕޭން ކޮށްލާ ކޮންމެ މީހަކީ ކަމަށް ގާބިލް، އިހުލާސްތެރިއަކަށް ނުވާނެކަން ވެސް ރައްޔިތުންނަށް ފަހުމްވާނެ ކަމަށެވެ. އަދި މޮޅު ވާހަކަ ދެއްކުމުގެ ތެރޭގައި، ތާހިރު ދިރިއުޅުމެއް ހޯދުމުގެ ނަމުގައި ގެނައި އަނެއް ދިވެހިރާއްޖެ އާއި އިންސާފުގެ ދަތުރެކޭ ކިޔައިގެން ގެނައި މި ސަރުކާރު ފެއިލްވެފައި އޮތްގޮތަށް ރަށްވެހި ފަތިހަކަށް އެ މީހުންނަށް ކައުންސިލް ދީފިއްޔާ މުޅި ގައުމު ވާނީ ފެއިލް ކަމަށް ގައްސާން ވިދާޅުވިއެވެ.

"ވިސްނާ"ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގަވާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް އަލި އަޅުއްވާ ލައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފައެވެ.