ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު 35 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 34 މީހަކާއި، މީހުން ދިރިއުޅޭ ރަށްތަކުން އެކެކެވެ. މިއަދު 35 މީހަކު ޕޮޒިޓިވްވީ ނެގި 2122 ސާމްޕަލްގެ ތެރެއިންނެވެ. މި ވަގުތު ކޮވިޑަށް ޕޮޒިޓިވް 513 މީހަކު ރާއްޖޭގައި ތިބި އިރު، އޭގެ ތެރެއިން 39 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 13618 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 13050 އަށް އަރާފައި ވާއިރު މި ބަލީގައި ނިޔާވީ 48 މީހެކެވެ. މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނިކޮށް ނިޔާވި 7 މީހަކީ މި ބަލީގައި ނިޔާވި މީހުން ނޫން ކަމަށް ވަނީ ނިންމާފައެވެ.
މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދކީ 35 ކަމަށް އެޗްޕީއޭ އިން ބުނެފައި ވާއިރު، އެ އެޖެންސީން ވަނީ މިރޭ އިރާކޮޅު ވެސް 35 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަން ހާމަކޮށްފައެވެ. އެއީ ޝީ ބިލްޑިންގައި ބޭއްވި ކާވެނި ހަފްލާއެއްގައި ބައިވެރިވި 35 މީހެކެވެ. އެ މީހުންގެ ތެރޭގައި ހައި ރިސްކު މީހުން ވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ޝީ ބިލްޑިންގްގައި ބޭއްވި މިހަފްލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވި ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައި ވާއިރު، ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކު ވަނީ މިހަފްލާގައި ބައިވެރިވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ މި ހަފްލާގައި ބައިވެރިވި އެންމެން އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެން ކަރަންޓީނު ކުރަމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ހަމައެއާއެކު، އެންމެ ހައި ރިސްކް ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުން ދާ ކަމަށް އެ އެޖެންސީން ބުނެއެވެ. މި ހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗްޕީއން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅާ ވިހާވެސް ގިނަ މައުލޫމާތު ހިއްސާ ކުރުމަކީ މުހިންމު ކަމެއް ކަމަށް އެ އެޖެންސީން ބުނެއެވެ. އަދި އެ ސެންޓަރުން އަދި ގުޅިފައި ނުވި ނަމަވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިބުމަށް އެޗްޕީއޭން ވަނީ އިލްތިމާސް ކޮށްފައެވެ.