މާދަމައިން ފެށިގެން އިނގިރޭސި ވިލާތުން ރާއްޖެ އަންނަ މީހުން ކަރަންޓީނު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭއިން ބުނީ، ކަރަންޓީނު ކުރަން ނިންމާފައި ވަނީ ރާއްޖެ ޒިޔާރަތް ކުރުމުގެ 14 ދުވަސް ކުރިން އިނގިރޭސިވިލާތުގައި އުޅެފައި އަދި އެ ގައުމުގައި 12 ގަޑިއިރަށްވުރެ ގިނަ އިރު ޓްރާންސިޓް ކޮށްފައި އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ މީހުން ކަމަށެވެ. އަދި އެފަދަ މީހުން ކަރަންޓީނު ކުރާނީ 10 ދުވަހުގެ މުއްދަތަކަށް ގޭގައި ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ އެފަދަ މީހުން ރާއްޖެ އަންނަތާ 5 ދުވަހަށްފަހު އަދި 10 ދުވަހަށްފަހު ޕީސީއާރް ޓެސްޓު ކުރުމަށް ނިންމާފައިވާ ކަމަށެވެ. ހަމައެއާއެކު އެފަދަ މީހުން ރާއްޖެ އަންނައިރު 96 ގަޑިއިރު ހަމަ ނުވާ ޕީސީއާރް ޓެސްޓެއް ގެންނަން ޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އިނގިރޭސިވިލާތުން ރާއްޖެ އަންނަ މީހުން ކަރަންޓީނު ކުރުމަށް ނިންމާފައި މިވަނީ އިނގިރޭސިވިލާތުގައި ކޮވިޑް-19ގެ އާ ސްޓްރެއިން އެއް ފެނި، ކޮންޓްރޯލްވުމެއް ނެތި ފެތުރެމުން ދިއުމާ ގުޅިގެންނެވެ.

ކޮންޓްރޯލެއް ނެތި އާ ވޭރިއަންޓް ފެތުރެމުން އަންނަ ކަމަށް އިނގިރޭސިވިލާތުން ހާމަކޮށްފައި ވާއިރު ގިނަ ގައުމުތަކަކުން ވަނީ އިނގިރޭސިވިލާތުން އަންނަ ފަސެންޖަރުންނަށް ބޯޑަރު ބަންދުކޮށްފައެވެ. އެމެރިކާއިން މިފަދަ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި، އިނގިރޭސިވިލާތުން އަންނަ ފަސެންޖަރުން ޓެސްޓު ކުރުމަށް ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)އިން ކަނޑައެޅިއެވެ. ނަމަވެސް، ސީޑީސީގެ ޓީމުގައި ހިމެނޭ ސައެންސްވެރިންގެ ދިރާސާއިން ދެނީ ތަފާތު ސިގުނަލެކެވެ. މިއީ އާ ވޭރިއަންޓް ކޮންޓްރޯލް ކުރުމަށް މާ ބޮޑު އެހީވެދޭނެ ކަމެއް ނޫން ކަމަށް ދޭހަކޮށްދޭ ސިގުނަލެކެވެ.

އިނގިރޭސިވިލާތުގެ ފަސެންޖަރުންނަށް، އަންނަ ހޯމަ ދުވަހުން ފަށައިގެން އެމެރިކާއަށް އެތެރެ ވެވޭނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ނެގެޓިވް ޓެސްޓެއްގެ ނަތީޖާ ހިފައިގެން ކަމަށާ، އެއީ 3 ދުވަހުގެ މުހުލަތު ހަމަ ނުވާ ޓެސްޓަކަށް ވާންޖެހޭ ކަމަށްވެސް ވަނީ ލާޒިމު ކޮށްފައެވެ.

ނަމަވެސް މިއީ ބަލި ކޮންޓްރޯލް ކުރުމަށް އޮތް ފުރިހަމަ ހައްލެއް ނޫން ކަމަށާ، ބަލީގެ އަލާމާތްތަކަށް އަމިއްލައަށް މޮނީޓާ ކުރުމާއި، މާސްކު ބޭނުން ކުރުމާއި، ޖިސްމާނީ ގައިދުރުކަން ދެމެހެއްޓުމަކީ ތަންފީޒު ކުރަންޖެހޭ މުހިންމު ފިޔަވަޅުތަކެއް ކަމަށްވެސް ސީޑީސީއިން ވަނީ އިއުތިރާފުވެފައެވެ.