ދައުލަތު ހިންގުމަށް 19 މިނިސްޓްރީއެއް ކަނޑައަޅާފައި އޮތް އިރު އޭގެތެރެއިން 7 މިނިސްޓްރީއަކުން ކޮށްފައިވާ ހަރަދުތައް މިދިޔަ އަހަރާ އަޅާ ބަލާއިރު އިތުރުވެއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި މާލީ ރިޕޯޓުން ދައްކައިފިއެވެ.
މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީން އާންމު ކުރި މާލީ ރިޕޯޓުން ދައްކާގޮތުގައި، 19 މިނިސްޓްރީގެ ތެރެއިން މިދިޔަ އަހަރާ އަޅާ ބަލާއިރު ހަރަދުތައް އިތުރުވެފައިވާ މިނިސްޓްރީ ތަކަކީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، މިނިސްޓްރި އޮފް ޓޫރިޒަމާއި، މިނިސްޓްރީ އޮފް ޔޫތުގެ އިތުރުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހިމެނެއެވެ.
- މިނިސްޓްރީ އޮފް ހޯމް އެފެއާޒުން މިދިޔަ އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައި ވަނީ 61 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހާ ހަމައަށް 70.7 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައިވެއެވެ.
- މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މިދިޔަ އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައި ވަނީ 262.1 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހާ ހަމައަށް 277.1 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައިވެއެވެ.
- މިނިސްޓްރީ އޮފް ހެލްތުން މިދިޔަ އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައި ވަނީ 1.88 ބިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހާ ހަމައަށް 2.06 ބިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައިވެއެވެ.
- މިނިސްޓްރީ އޮފް އިކޮނޮމިކް، ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން މިދިޔަ އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައި ވަނީ 60.8 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހާ ހަމައަށް 99.2 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައިވެއެވެ.
- މިނިސްޓްރީ އޮފް ޓޫރިޒަމުން މިދިޔަ އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައި ވަނީ 47.1 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހާ ހަމައަށް 68.2 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައިވެއެވެ.
- މިނިސްޓްރީ އޮފް ޔޫތުން މިދިޔަ އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައި ވަނީ 237.7 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހާ ހަމައަށް 282.8 މިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައިވެއެވެ.
- މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން މިދިޔަ އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހާ ހަމައަށް ހަރަދުކޮށްފައި ވަނީ 1.55 ބިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހާ ހަމައަށް 2.38 ބިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައިވެއެވެ.
ދައުލަތުގެ ވުޒާރާތަކުގެ ތެރެއިން މިދިޔަ އަހަރާ އަޅާ ބަލާއިރު އެންމެ މަދުން ހަރަދުކޮށްފައި ވަނީ ހައުސިން މިނިސްޓްރީންނާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީންނެވެ.
އެ ގޮތުން މި އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހާ ހަމައަށް ހައުސިން މިނިސްޓްރީން ހަރަދުކޮށްފައި ވަނީ 91.6 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 63 މިލިއަން ރުފިޔާގެ ތަފާތެކެވެ.
ހަމައެއާއެކު މި އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހާ ހަމައަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަރަދުކޮށްފައި ވަނީ 204.2 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 98.6 މިލިއަން ރުފިޔާގެ ތަފާތެކެވެ.
އަދި މި އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހާ ހަމައަށް ފިނޭންސް މިނިސްޓްރީން މިއަހަރު ހަަރަދުކޮށްފައި ވަނީ 470.8 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 1.1 ބިލިއަން ރުފިޔާގެ ތަފާތެކެވެ.