މާލެ ތެރެ ސާފު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ މޭޔާރު ޝިފާ މުހައްމަދު ވިދާޅުވީ، މާލޭގައި އެކި ސަރަހައްދުތަކަށް މީހުން ކުނިއަޅާފައި ހުންނަ ތަންތަން ސާފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ސިޓީ ކައުންސިލުން ސާފު ކުރަމުން ދަނީ ނީލަން ފިހާރަ ސަރަހައްދެވެ.
މާލޭގެ މަގުމަތީގައި އެކި ސަރަހައްދުތަކުގައި އަދިވެސް ކުނި ބަހައްޓާފައި ހުންނަ ތަން ފެނެއެވެ. ބާވެފައި ހުންނަ ފިލާތަކާއި ގޮދަޑި ފަދަ ސާމާނު ވެސް މަގުމައްޗަށް ނެރެފައި ހުންނަ އިރު އެފަދަ ތަކެތި އުކާލެވޭނެ އިންތިޒާމްތައް ވެމްކޯއިން ހަމަޖެހިފައި އޮވެއެވެ. ގޭގެއިން ނެރޭ މިފަދަ ބޮޑެތި ކުނިތައް އުކާލުމަށް ވެމްކޯއިން އެހީތެރިކަން ފޯރުކޮށްދޭ އިރު ވެސް މީހުން މިފަދައިން މަގުމައްޗަށް ކުނި އަޅާތީ އެކަމުގެ ކަންބޮޑުވުން މޭޔަރު ހިއްސާ ކުރެއްވިއެވެ.
މޭޔަރު ވިދާޅުވީ، ރާއްޖެއިން ބޭރު އެހެން ގައުމުތަކުގައި މަގުމައްޗަށް ކުނި އަލާ މީހުން ޖޫރިމަނާ ކުރާ ކަމަށެވެ. ރާއްޖޭގައި މި ފަދައިން ކުނި އަޅާ ފަރާތްތަކަށް ކުނި އުކޭނެ ގޮތްތައް އޮތް އިރުވެސް ވެމްކޯގައި ރަޖިސްޓާ ނުކޮށް މާލެ މަގުތަކުން އެކި ސަރަހައްދަށް ކުނި އަޅަމުން ދާ ކަމަކީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށް ޝިފާ ސިފަކުރެއްވިއެވެ.
މިއަދު މާލެ ސަރަހައްދު ސާފު ކުރުމަށްފަހު ކުނި ގިނަކޮށްފައި ހުރި ސަރަހައްދުތައް ފާހަގަކޮށް އެތަންތަނުގެ ލިސްޓެއް ހާމަ ކުރައްވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ. މިއަދު މާލެ ސިޓީގައި މުވައްޒަފުން މަދު ކަމާއި މާލޭގެެ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށް ދިނުމަށް ހާއްސަ ފުލުހުންގެ ފޯހެއް ގާއިމްކޮށްފައި ނެތް ކަން އޭނާ ފާހަގަ ކުރެއްވިއެވެ. މިފަދަ ކަންކަން ހައްލު ކުރުމަށް މާލެ ސިޓީގެ ދަށުން މަގުމަތި ބަލަހައްޓަން ފުލުހުން ތިބޭ ނަމަ ވަރަށް ބޮޑު ތަފާތެއް ގެނެވިދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މީގެ ކުރިން ވެސް މާލޭގެ އާންމު ތަންތަނަށް ކުނި އަޅަމުންދާތީ އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އެންވާރަމަންޓް މިނިސްޓަރު ހުސައިން ރަޝީދު ވަނީ ވިދާލުވެފައެވެ. އަދި މާލެ ސަރަހައްދުގެ އެއާ ޕޮލިއުޝަން އެހެން ތަންތަނަށް ވުރެ ބޮޑު ކަމަށް ވެސް މިނިސްޓަރު ވަނީ ފާޙަގަ ކުރައްވާފައެވެ.
ކުނި މެނޭޖްކުރުމުގެ ބޮޑު މަސްއޫލިއްޔަތެއް އޮންނަނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ގާނޫނުން މަތިކޮށްފައެވެ.