ބަދުއަހުލާގީ މައްސަލައެއްގައި މާލޭގައި ހިންގާ ބިއުޓީ ސެލޫނަކުން ހައްޔަރު ކުރި ތިން މީހަކުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދު ދެވަނަ ފަހަަރަށް އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެމީހުން ވަނީ ދޫކޮށްލާފައި ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގުގެ ބޮޑުބައި ވަނީ ނިމިފައި ކަމަށާއި މައްސަލަ ވަރަށް އަވަހަށް ޕީޖީ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ދިވެހި ފިރިހެނަކާއި ބިދޭސީ ދެ އަންހެނުންނެވެ.

ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބިއުޓީ ސެލޫނަކުން ބަދު އަހުލާގީ މައްސަލައެއްގައި ބިދޭސީ ދެ އަންހެނަކާއި ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

ހައްޔަރު ކޮށްފައިވާ ތިން މީހުންގެ ތެރެއިން ދިވެއްސަކީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. އަދި ހައްޔަރު ކުރި ބިދޭސީ 2 އަންހެނުންނަކީ ކޮން ގައުމެއްގެ ބައެއް ކަން ފުލުހުން ހާމައެއް ނުކުރެއެވެ.