މަސްވެރިންގެ މައްސަލަތަކަށް ހައްލެއް ނުލިބި ދިގުލައިގެން ދާތީ ހއ. އިހަވަންދޫގެ މަސްވެރިން އިހުތިޖާޖު ކޮށްފިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަންއިން ބުނީ އިހަންވަންދޫ ސަރަހައްދުގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖުގެ އަޑު ކަމާބެހޭ ފަރާތްތަކުން ކަނުލައި އަހައި، މަސްވެރިންގެ ކަންބޮޑުވުން ތަކަށް މާނަވީ ހައްލެއް ހޯދައިދޭން ޖެހޭ ކަމަށެވެ. އަދި ބާނާ މަސް ވަގުތުން ކިރާ، އެއަށް އެކަށީގެންވާ އަގު ލިބެން ޖެހޭ ކަމަށްވެސް އެ ޔޫނިއަން އިން ބުނެއެވެ.

މިއަދު މެންދުރު 2:00ގައި ފެށިގެން އިހަވަންދޫގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި އެ ރަށުގެ ގިނަ މަސްވެރިން ވަނީ ބައިވެރިވެފައެވެ. އެގޮތުން އެ އިހުތިޖާޖުގައި މަސްވެރިން ވަނީ އެކި ޝުއޫރުތައް ޖަހާފައި ހުރި ބޯޑުތައް ހިފައިގެން ޝުއޫރު ފާޅުކޮށްފައެވެ.

މަސްވެރިންގެ މައްސަލަތަކަށް ހައްލެއް ނުލިބި ދިގުލައިގެން ދާތީ ހއ. އިހަވަންދޫގެ މަސްވެރިން އިހުތިޖާޖު ކުރަނީ / ފޮޓޯ: ބޮޑުކަންނެލި މަސްވެރިކަން

އެ އިހުތިޖާޖުގައި ބައިވެރިވި އިހަވަންދޫ މަސްވެރިންގެ މައިގަނޑު އެއް ކަންބޮޑުވުމަކީ ބާނާ މަހަށް ހަމަ އަގު ނުލިބުމެވެ. ބާނާ މަހަށް ހަމަ އަގު ނުލިބުމުގެ ސަބަބުން މަސްވެރިންނަށް ކާބޯތަކެތި ހޯދުމުގައި ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށް މަސްވެރިން ފާހަގަ ކޮށްފައި ވެއެވެ.

މީގެ އިތުރުން އެ އިހުތިޖާޖުގައި ބައިވެރިވި މަސްވެރިން ވަނީ ސަރުކާރުން މަސްވެރިން ބިކަ ކޮށްލައިފައިވާ ކަމަށާއި، މަސްވެރިންގެ މައްސަލަތަކަށް ހައްލެއް ގެނައުމަށް މަސައްކަތްނުކުރާ ކަމަށް ބުނެ، މިނިސްޓަރު ޒަހާ އަށާއި ރައީސް ސޯލިހު އިސްތިއުފާ ދިނުމަށް ގޮވާލައިފައެވެ.

މިއަދު އިހަވަންދޫގައި އިހުތިޖާޖު ކޮށްފައި ވާއިރު، މިދިޔަ އަންގާފަރަ ދުވަހު ޅ. ފެލިވަރުގައިވެސް މަސްވެރިން ވަނީ އިހުތިޖާޖެއް ކޮށްފައެވެ.