ރުގުޔާގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ މި މައްސަލަގައި ތުހުމަތު ކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށްޓަކައި އިއްޔެ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އުމުރުން 24 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 09:15 ހާއިރު ކަމަށެވެ. އަދި 39 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެދެމީހުން މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.
އެ މައްސަލައިގައި އަނިޔާގެ ޝިކާރައަކަށް ވި އަންހެން މީހާ އާއި އޭނާގެ ދަރިންނަށް އަނިޔާ ކުރުމުގައި ރުގްޔާ ކުރާ މީހާގެ އިތުރުން އޭނާ ފަހުން ކައިވެނިކުރި ފިރިހެން މީހާ ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ތިން މަސް ދުވަސް ވަންދެން އެމީހުން ބަންދުކޮށްގެން ތަފާތު އަނިޔާތައް ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މައްސަލައިގެ ހައްޔަރު ކުރި 24 އަހަރުގެ މީހާ އަކީ ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ މީހެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންނާއި ޖެންޑާ ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވުމާއެކު، ރައްޔިތުން އެފަދަ މައްސަލަތަކަށް ސަމާލުވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލައެއްގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން ފުލުހުންނަށް ނުވަތަ ޖެންޑާ އަށް ރިޕޯޓު ކޮށްދިނުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
މިހާރު އެ މައްސަލާގައި އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ޖެންޑާ މިނިސްޓްރީން ކަށަވަރު ކޮށްފައި ވާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ތި ދެމީހުންގެ ނަން ހާމަކުރޭ.