މި އަހަރުގެ މިހާތަނަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 905.2 މިލިއަން ރުފިޔާ ލިބިއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކުރި މާލީ ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ހިމަނާފައިވާ 5.2 ބިލިއަން ރުފިޔާގެ ތެރެއިން ހިލޭ އެހީގެ ގޮތުގައި މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ތެރޭ ދައުލަތަށް 905.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިދިޔަ އަހަރު ލިބުނު ހިލޭ އެހީއަށް ބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް އައިރު ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ހިލޭ އެހީއަށް މިހާތަނަށް 905.2 މިލިއަން ރުފިޔާ ލިބިފައިވާ އިރު، އެއާއެކު މި އަހަރުގެ މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 13.6 ބިލިއަން ރުފިޔާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މިދިޔަ އަހަރު މި މުއްދަތުގައި ހިލޭ އެހީއާއެކު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 22.8 ބިލިއަން ރުފިޔާ ކަމަށް ފިނޭންސުން ބުނެއެވެ.

ކޮވިޑް 19 ގެ ހާލަތާ ގުޅިގެން ދައުލަތުގެ އާމްދަނީ ދަށްވެފައިވާތީ ހިލޭ އެހީ ހޯދުމަށް ފޮރިން މިނިސްޓްރީ އިސްވެ އޮވެގެން ގިނަ މަސައްކަތްތަކެއް ކުރިއެވެ. މިހާތަނަށް ކުރި މަސައްކަތުން ހިލޭ އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ އިރު، މިހާތަނަށް ދުނިޔޭގެ މާލީ އިދާރާތަކުންނާ އަވށްޓެރި ގައުމުތަކުންވެސް ހިލޭ އެހީގެ ގޮތުގައި ފައިސާ ދީފައިވެއެވެ.