ކަނޑަށް ވެއްޓުނު މަސްވެރިޔަކަށް މިޔަރެއް ހަމަލަދީ ޒަހަމް ކޮށްލި ހާދިސާގައި އެ މީހާގެ ގައިގެ ތިން ތަނަކަށް އަނިޔާ ލިބިފައިވާ ކަމަށް ނައިފަރު ހޮސްޕިޓަލުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޅ. އަތޮޅު ހޮސްޕިޓަލްގެ ހެލްތް ސާވިސް މެނޭޖާ ޖައުފަރު އަބްދުﷲ ވިދާޅުވީ އެ މީހާގެ ހަށިގަނޑުގެން 3 ތަނަކަށް އަނިޔާ ލިބިފައި ވާއިރު އެއީ ބުޅީގެ ސަބަބުން އަތް ތިލައަށް ލިބިފައިވާ އަނިޔާއަކާއި ފައިގެ ތަނބިކަށިން ދެ ތަނަކަށް ލިބިފައިވާ އަނިޔާއެއް ކަމަށެވެ.

އެއީ ފައި ތިލައިގެ ތަނބިކަށިން ކުރިމައްޗަށްވާ ތަނުގައި މިޔަރުގެ ދަތް ވަދެގެންނާއި ފައިގެ ތަނބިކަށިން ފަހަތަށް ލިބިފައިވާ ގެއްލުމެއް ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ފައިގެ ތަނބިކަށީގެ ފަހަތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެއީ ފައި ތިލައިގެ ތަނބިކަށިން ކުރިމައްޗަށްވާ ތަނުގަ މިޔަރުގެ ދަތް ވަދެފަ ހުރީ ދެން ފައިގެ ތަނބިކަށިން ފަހަތުގަ މަޑު ކަށިކޮޅު އިންނަ ހިސާބަށް ބޮޑަށް ގެެއްލުން ވެފަ ހުޜީ، ވަރަށް ފުނަށްަ އެތާ ހިފާފަ ހުރީ
ޖައުފަރު

ފައިގެ އެ ތަނުގައި ފުނަށް މިޔަރުގެ ދަތް ވަދެފައި ހުރުމުގެ ސަބަބުން ލޭ މަނާ ނުވެ ގިނަ އިރުތަކެއް ވި ކަމަށާއި ނަމަވެސް އެ ހޮސްލިޓަލުން އޭނާ އޮތް ދޯނި ކައިރިއަށް ސީ އެމްބިއުލާސްގައި ޑޮކްޓަރަކާއި ނަރުހެއް ފޮނުވާ ކުރި މަސައްކަތުން ލޭ މަނާވުމުން މިހާރު ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އެ މީހާގެ ހާލު ރަނގަޅު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބިފައި ވަނީ މިއަދު ހެނދުނު 9:36 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެ ހާދިސާގައި އަނިޔާވީ ޅ. ނައިފަރު ޒިކުރާ ދޯނީގެ އުމުރުން 40 އަހަރުގެ މަސްވެރިއަކަށެވެ.