އަންނަ 2021 ވަނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ކުނި ނަގާ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ވެމްކޯ އިން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވެމްކޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ އަންނަ މަހުގެ 15 ގައި ވެމްކޯއިން ކުނި ނަގާ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ނިންމާފައި ވަނީ ރޭގަނޑު 10:00 އިން 12:00 އަށް ކުނި ނަގަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މަސައްކަތަކީ މުވައްޒަފުންނަށް ބުރަ މަސައްކަތެއް ކަމަށެވެ. ހާއްސަކޮށް ކޮންމެ ރެއަކު އެއް ގަޑިއަކަށް ނުނިދައި ހޭލާ ތިބެގެން ނުކުމެ މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.

އަޅުގަނޑުމެން މި އެދެނީ ރޭގަނޑު 10 އިން 12އާ ދޭތެރޭ ކުނި ނެރެދޭން، އަޅުގަނޑުމެން ކަލެޓް ކުރަން ފަށާނީ 12 ޖަހާއިރު، އަޅުގަނޑުމެންގެ ޓާގެޓަކީ ފަތިސް ނަމާދަށް މާލޭގެ ރައްޔިތުން ހޭލަން ވާއިރަށް މާލޭގެ މަގުމަތިން ކުނި ނެގުން، ރީތި މަގެއްގަ ހިނގާލާފަ ނަމާދަށް ދެވޭނެ ގޮތެއް ވުން
އެމްޑީ

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު، ޝިފާ މުހައްމަދު ވިދާޅުވި ގޮތުގައި އަންނަ މަހު ސްކޫލްތައް ހުޅުވާއިރު، މާލެތެރެ ސާފުކޮށް ބޭއްވުމަށް ސިޓީ ކައުންސިލުން ބޭނުންވާ ކަމަށެވެ.

މާލެ ސަރަހައްދުގެ ކުނި ނަގާ ވަގުތުތަކަށް ބަދަލު ގެންނަން ނިންމާފައިވާއިރު، އެންމެ ފަހުން ވެމްކޯގެ ސައިޓްތަކުން ހިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް ބަދަލު ގެނެސްފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުއެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއެކު ވެމްކޯ އިން ދެމުން ގެންދިޔަ ހިދުމަތްތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ވެމްކޯއިން ވަނީ ކުނި ބޭރަށް ނެރޭނެ ގޮތްތަކާއި، އެކަމުގައި އެންމެ ރައްކާތެރި ގޮތްތައް ވެސް ރައްޔިތުންނަށް ކިޔައިދީފައެވެ.

ވެމްކޯއިން ވަނީ ހިދުމަތް ހޯދާ ކަސްޓަމަރުން ބަދަލުތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ވެމްކޯގެ ކޯލް ސެންޓަރު ނަންބަރު 1666 އަށް ގުޅުމުން ލިބޭނެ އެވެ.