މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސީދާ ގޮތުން ރައްޔިތުންނަށް ދެވޭ ފުލުހުންގެ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކާއި މެދު މަޝްވަރާކުރުމަށް "ފްރަންޓްލައިން ޕޮލިސިން ސިމްޕޯޒިއަމް" ގެ ނަމުގައި ސިމްޕޯޒިއަމެއް ފަށައިފިއެވެ.

އިއްޔެ އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވާ މި ސިމްޕޯޒިއަމް ފައްޓަވާ ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ފްރާންޓްލައިންގައި މަސައްކަތްކުރާ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި ސީޕީ ހަމީދު ދެއްކެވި ވާހަކަގައި މި ސިމްޕޯޒިއަމްގައި ބައިވެރިވާ މުވައްޒަފުންގެ އިލްމީ އަދި މަސައްކަތުގެ ތަޖުރިބާތައް ހިއްސާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރެވޭނެ ގޮތްތައް ދެނެގަތުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސީޕީ ވަނީ ފްރަންޓްލައިންގެ ހިދުމަތްތައް މިހާރު ފޯރުކޮށްދެމުންދާ ގޮތްތަކާއި މިހާރަށް ވުރެ ބޮޑަށް ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ކުރެވޭނެ ކަންކަމާމެދު މަޝްވަރާކޮށް ޕްލޭން އެކުލަވާލުމަށް އެދިވަޑައިގެންފައެވެ.

މި މަހުގެ 22 ން 24 އަށް ކުރިއަށްދާ މި ސިމްޕޯޒިިއަމްއަކީ ފްރޮންޓްލައިން ޕޮލިސިންގެ ދާއިރާގައި ހުރި މައްސަލަތަކާއި އެކަންކަމަށް ހޯދޭނެ ހައްލުތަކާއި މެދު މަޝްވަރާކޮށް ތަންފީޒީ މަރުހަލާއަކަށް އެކަންތައްތައް ގެންދިއުމަށް ކުރަންހުރި މަސައްކަތްތައް ދެނެގަތުމުގެ ގޮތުން ބާއްވާ ސިމްޕޯޒިއަމް އެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިސިމްޕޯޒިއަމްގައި ފްރޮންޓްލައިން ޕޮލިސިން ހަރުދަނާކުރުމަށް ގެންނަނަން ޖެހޭ ބަދަލުތައް ދެނެގަތުމާއި ފްރޮންޓްލައިން ހިދުމަތްތައް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަމަލުކުރާނެ ރާސްތާގެ އަމަލީ އެޖެންޑާއެއް އެކުލަވާލާނެ ކަމަށެވެ.

ހަމައެއާއެކު ފްރޮންޓްލައިން ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކުރެވި އާއްމު ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ފްރޮންޓް ލައިން ފުލުހެއްގެ ޒިންމާއާއި ވާޖިބު އަދާ ކުރުމުގައި ލިބެންހުރި ވަސީލަތްތައް ބޭނުންކުރުމުގައި އަދި މެނޭޖްކުރުމުގައި ހުރި ގޮންޖެހުންތަކާއި ހުރަސްތައް އަދި ރަނގަޅު ކުރަން ކުރެވެންހުރި ކަންކަން ދެނެގަނެވިގެން ދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މީގެ އިތުރުން ފްރޮންޓްލައިން ފުލުހުންގެ މަސައްކަތްތައް ޓެކްނޮލޮޖީ ދާއިރާއިން އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތަކާއި މިހާރު ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ދެނެގަތުމާއި ފުލުހުންނަށް އެންމެ މުހިންމު ތަމްރީންތައް ދެނެގަތުމާއި މިހާރު ދެމުންގެންދާ ތަމްރީންތަކުގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ރަނގަޅުކުރެވޭނެ ގޮތްތައް ހޯދުމާއި ފުލުހުންގެ ދައުރު އަދާކުރުމުގައި ގާނޫނުތަކުން ދިމާވާ ދަތިތައް މި ސިމްޕޯޒިއަމްގެ ތެރެއިން ދެނެގަނެވިގެންދާނެ ކަމަށެވެ.

ފްރަންޓްލައިން ޕޮލިސިން ސިމްޕޯޒިއަމްގެ ތެރެއިން / ފޮޓޯ: ފުލުހުން

ހަމައެހެންމެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާއި ތަކެއްޗާއިމެދު އަމަލުކުރުމުގައި ތަހުގީގް މަރުހަލާގައި ހުރި ދަތިތަކާއި ތަހުގީގު މަރުހަލާ ކުރިއަށްދާއިރު ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނާ ތަހްގީގްކުރާ ފަރާތްތައް ގުޅިގެން މަސައްކަތް އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުން މި ސިމްޕޯޒިއަމްގެ ތެރެއިން ދެނެގަނެވި ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އިންޓެލިޖެންސްގެ އެހީތެރިކަން ފޮރުކޮށްދިނުމުގައި ހުރި ދަތިތައް ދެނެގަތުމާއި އިތުރަށް ރަގަނޅު ކުރެވިދާނެ ކަންތައްތައް ވެސް މި ސިމްޕޯޒިއަމްގެ ތެރެއިން ދެނެގަނެވިގެން ދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ސިމްޕޯޒިއަމްގައި ސެންޓްރަލް ޕޮލިސިން ކޮމާންޑާއި ޑިވިޒަނަލް ޕޮލިސިން ކޮމާންޑާއި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި ފޮރެންސިކް ސަވިސަސް އަދި ޑައިރެކްޓަރޭޓް އޮފް އިންޓެލިޖެންސްގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށާއި މި ބައިވެރިންގެ ތެރޭގައި ވާޗުއަލްކޮށް ބައިވެރިވާ މުވައްޒަފުން ވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން މި ސިމްޕޯޒިއަމްގައި އޮބްޒާވަރުންގެ ގޮތުގައި ޕޮރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑާއި ލީގަލް ޑިޕާޓްމަންޓާއި ޓްރެއިން އެންޑް ޑިވެލޮޕްމެންޓާއި ހިއުމަން ރިސޯސް ޑިވެލޮޕްމެންޓާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސާވިސަސް އާއި ލޮޖިސްޓިކް ސާވިސް އަދި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.