ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނީ އެތަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލާފައި ވަނީ އިއްޔެ ކ. ތިލަފުށީގެ ސައިޓްގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި ކަމަށެވެ. އެގޮތުން ނައްތާލާފައި ވަނީ 8719.02 ލީޓަރުގެ ބަނގުރަލާއި 2220.5 ކިލޯގެ އޫރުމަސް ކަމަށް ކަސްޓަމުން ބުނެއެވެ.

ކަސްޓަމްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި ނައްތާލަނީ ކަސްޓްމަސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މައްދާގެ ދަށުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސް އިން ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުންނެވެ.

އެކި އެކި ސަބަބުތަކާ ހުރެ، ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫކުގެ ދަށުން ނައްތާލެވިދާނެ ކަމަށް ކަސްޓަމްސްގެ އާންމު ގަވައިދުގައި ބަޔާންކޮށްފައިވެއެވެ. ނައްތާލި ތަކެއްޗަކީ ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްގައި ހުރެ މުއްދަތު ހަމަވި ތަކެއްޗާއި، ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް ހިފަހައްޓާފައިވާ، ރާއްޖެ އެތެރެކުރުން މަނާ ތަކެއްޗެވެ.

މިއަހަރު ކުރީ ކޮޅުވެސް ކަސްޓަމްއިން ވަނީ ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލާފައެވެ. އެ ގޮތުން 4631 ފުޅި ބަނގުރަލާއި 32 ފުޅީގެ "ވައިން" ގެ އިތުރުން 6835 ކިލޯގެ އޫރުމަސް މި އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ނައްތާލާފައި ވެއެވެ.