ޕީޕީއެމް ކައުންސިލް މެންބަރު ސޫދާ އަބްދުﷲ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި އަދާ ކުރަމުން ދިޔަ ވަޒީފާއިން ވަކިކުރި މައްސަލަ އެ ޕާޓީން ކުށްވެރި ކޮށްފިއެވެ.

ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެ އެ ޕާޓީގެ ކައުންިސލް މެންބަރު ވަޒީފާއިން ވަކިކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެއީ ރައީސް ޔާމީނަށާއި އިދިކޮޅު ކޯލިޝަނަށް ތާއިދުކުރާ ފަރާތްތައް ވަޒީފާތަކުން ވަކިކޮށް، ބިރުދައްކާ، އިންޒާރު ދީ މިއަދުގެ ސަރުކާރުން ތަކުރާރުކޮށް ހިންގާފައިވާ ހަޑި ހުތުރު އަމަލެއް ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނީ މި ސަރުކާރުން ވެރިކަމަށް އައީ ވަޒީފާގެ ބިރުވެރިކަން ނައްތާލުމަށާއި ވަކި ސިޔާސީ ކުލައަކަށް، ވަކި ފިކުރަކަށް ތާއީދު ކުރާ ފަރާތްތަކަށް ވެސް ވަޒީފާގެ ރައްކާތެރިކަން އޮންނާނެ ކަމަށް ބުނަމުން ކަން ފާހަގަ ކޮށްފައެވެ. ނަމަވެސް ވެރިކަން ލިބުމާއެކު ރާއްޖޭގެ އެކި ވުޒާރާތަކުގައި އާއި ކުންފުނިތަކުގައި ތިބި އިދިކޮޅު ކޯލިޝަނަށް ތާއިދު ކުރާ ފަރާތްތަކަށް ބިރު ދައްކާ ވަޒީފާތަކުން ވަކި ކުރަމުންދާތީ އެކަމާ ހިތާމަ ކުރަމުންދާ ކަމަށް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެމުން ބުނީ، އެ ކޯލިޝަނަށް ނިސްބަތް ނުވި ކަމުގައި ވިޔަސް މިއަދުގެ ސަރުކާރުގެ ސިޔާސަތުތަކާ މެދު ހޮތްހަމަ ނުޖެހިގެން ހިޔާލު ފާޅުކުރާ އެތައް ބަޔަަކު ވަޒީފާތަކުން ކަނޑަމުންދާ ކަމަށާޢި، އެއީ އެ ކޯލިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ސަރުކަރުގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެތައް އާއިލާއެއް ބިކަވެ ނިކަމެތިވަމުން ދާ ކަމަށް ވެސް ޕީޕީއެމުން ބުނެއެވެ.

އެހެންކަމުން މިފަދަ ލާއިމްސާނީ އަމަލުތައް ހިންގުން ހުއްޓާލުމަށާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރު ކޮށްދިނުމަށް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ކައުންސިލް މެންބަރެއް ކަމަށްވާ ސުދާ އެމްޕީއެލްގެ ވަޒީފާއިން ވަކިކުރަން ފޮނުވި ޗިޓުގައި ބުނީ އެސިސްޓެންޓް އޮފިސަރުގެ މަގާމުން ވަކިކުރީ ކުންފުނީގެ ޕޮލިސީތަކާ ހިލާފަށް އަމަލު ކުރަމުންދާތީ ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެ އަމަލުތަކަށް ބަދަލު އައިސްފައިނުވާތީ ކަމަށެވެ.

ސޫދާ މަޝްހޫރު ވީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބު ވެ ވަޑައިގަތުމުން އެކަމާ ދެކޮޅަށް ބޭއްވި ހަރަކާތްތަކުގައި ބައިވެރިވުމުންނެވެ. އޭނާ ވަނީ އެ ހަރަކާތްތަކުގައި "އީސީ ޝަރީފޫ" އޭ ކިޔައި، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފަށް ފާޑުކިޔައިފައެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ އޭނާގެ މީމްތައް ދައުރު ކޮށްފައެވެ.