މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމްގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގް މައްސަލައެއް އޭސީސީން ފުލުހަށް ހުށަހަޅައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ، ޝަޒައިލްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވިފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކޮރަޕްޝަންގެ މައްސަލައިގެ ތަހްގީގުގެ ތެރެއިން ކަމަށެވެ.

އޭސީސީން ދަނީ ޝަޒައިލްގެ މައްޗަށް ތުހުމަތު ކުރެވޭ، ފައިސާގެ މުއާމަލާތް ހިންގުމުގައި އޮޅުވާލި މައްސަލައަކާއި މުވައްޒަފުން ނެގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި މައްސަލައަކާއި މަރާމާތުގެ މަސައްކަތެއްގައި ހިންގި ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގު ކުރަމުންނެވެ. އަދި ޝަޒައިލްގެ މައްސަލައިގެ ތަހުގީގު ރިޕޯޓް ރައީސް އޮފީހަށާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ޝަޒައިލްއަށް މިމަހުގެ 17 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށް އޭސީސީން ބުނެއެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި ޝަޒައިލް ސަސްޕެންޑް ކޮށްފައި ހުންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، އޭނާ ސަސްޕެންޑް ކުރީ ސަރުކާރުގެ "ޒީރޯ ޓޮލަރެންސް ޓު ދަ ކޮރަޕްޝަން" ސިޔާސަތުގެ ދަށުންނެވެ. މީގެއިތުރުން ޝަޒައިލް ސަސްޕެންޑް ކޮށްފައި ވާއިރު މޯލްޑިވް ގޭސްއިން މާ އަގުބޮޑުކޮށް ސަޕްލަޔަރެއްގެ އަތުން ގޭސް ގަންނަކަމަށް ބުނާ މައްސަލައަކާއި އެނޫންވެސް މައްސަލަތަކެއް ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބަލައި ވަނީ ރިޕޯޓެއް އެކުލަވާލާފައެވެ. އެ ރިޕޯޓްގައި ވާ ގޮތުން މައްސަލަ ދިރާސާ ކުރުމުގައި މައިގަނޑު ހަތަރު ކަމެއް ކޮމިޓީން ފާހަގަކޮށްފައިއެވެ.

އޭގެތެރެއިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ އެ ކުންފުނިން ވިއްކަން ގެންނަ ގޭހުގެ އަގު ބޮޑުވުމުވެ. އެގޮތުން ކޮންމެ ޝިޕްމަންޓަކުން އެވްރެޖްކޮށް 45 އާއި 60 ޕަސެންޓް ގޭސް ޑެލިވަރީ ކުރުމަށް ޕްރިމިއަމްގެ ގޮތުގައި ހިމަނާފައި ވާއިރު 2016 އާއި 2017 ވަނަ އަހަރު މާކެޓުގައި ގޭހުގެ އަގު ދަށްވެފައި ވަނިކޮށް މޯލްޑިވް ގޭހުން ގޭސް ގަންނަ އަގު 65 އާއި 99 ޕަސެންޓް ބޮޑުކޮށްފައިވާ ކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ހަމަ އެ އަހަރުގެ ތެރޭގައި ގޭހުގެ ޕްރިމިއަމް އަގު ކޮންމެ ޓަނަކަށް 250 އާއި 285 ޑޮލަރުގައި ހުރިކަން ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓުގައިވާ ގޮތުން މޯލްޑިވް ގޭހަށް ގޭސް ފޮނުވައިދޭ ކުންފުނިން ގޭސް ގަތުން ހުއްޓާލި ފަހުން ކޮންމެ ޝިޕްމަންޓަކުން 157 ޑޮލަރު އަގު ވަނީ ހެޔޮވެފައެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން މޯލްޑިވް ގޭހުގެ ކޮންމެ ޝިޕްމަންޓަކަށް އެވްރެޖުކޮށް 130،000 ޑޮލަރު އިތުރުކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ޝަޒައިލް ޝިޔާމް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ އިތުރުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމް އަދާ ކުރައްވާފައެވެ. އޭނާ މިސަރުކާރުގެ ވެރިކަމުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ކަމާ ހަވާލުވީ އެމްއާރުއެމްގެ ސްލޮޓެއްގައެވެ.

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަޒައިލް ޝިޔާމް އައްޔަން ކުރައްވާފައި ވަނީ 2019 ވަނަ އަހަރުގެ ކުރީ ކޮޅެވެ.