ރިޔާސީ ނިޒާމް ބަދަލު ކުރުމަށް މިހާރު ދައްކަވާހާ ވާހަކައަކަށް ދިވެހިން ނުހެއްލޭނެ ކަމަށް ގުރައިދޫ ދާއިރާ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮތުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ.

ޣައްސާން ވިދާޅުވީ، ދިވެހިރާއްޖޭގައި މިއޮތް ރިޔާސީ ނިޒާމަކީ ރައްޔިތުން އެގޮތަށް ނިންމައި ގާނޫނު އަސާސީގައި އެކަށައެޅި ނިޒާމެއް ކަމަށެވެ. އަދި މި ނިޒާމް ބަދަލު ކުރުމުގެ ބާރުވެސް އޮތީ ރައްޔިތުންގެ އަތް މަތީގައި ކަމަށް ޣައްސާން ވިދާޅުވިއެވެ. މިހާރު ދިވެހިންނަކީ ދައްކަވާހާ ވާހަކައަކަށް ހެއްލޭނެ ބައެއް ނޫން ކަމަށާއި ދެ ރިސޯޓާއި 7 ކޮމްޕިއުޓަރާ އެކު ގައުމު ހިންގި ދުވަސް މާޒީވެ ހިނގައްޖެ ކަމަށް ޣައްސާން ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމުގެ ވާހަކަ ދައްކަވާ ބޭފުޅެކެވެ. އެގޮތުން މި މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުން ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމްގެ ދެވަނަ އެޕިސޯޓްގައި ރައީސް ނަޝީދު ވަނީ އެވާހަކަ ތަކުރާރު ކުރައްވާފައެވެ. ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، މަގާމުތައް ތަކުރާރު ނުވެ ރައްޔިތުންނާ ވީހާވެސް ކައިރިން ހަރަދު ކުޑަކޮށް، ސީދާ ރައްޔިތުންގެ ވިސްނުމާ އެކު ވެރިކަން ހިންގޭނެ ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ.

މީގެ ކުރިން ބޭއްވި "އަސްކް ސްޕީކާ" ޕްރޮގްރާމުގައި ރައީސް ނަޝިދު ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު އަތުވެއްޖެނަމަ އެމަނިކުފާނެ ވެވަޑައިގަންނަވާނީ ބޮޑުވަޒީރަށް ކަމަށާއި އެކަމަކީ އެމަނިކުފާނުގެ އަމިއްލަފުޅު ނިންމެވުމަކަށް ނުވާނެ ކަމަށެވެ. އަދި އެއީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީންވެސް އެގޮތަށް ނިންމަން ޖެހޭނެ ކަމެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މީގެ 13 އަހަރުކުރިން ވަނީ ރާއްޖޭގައި އޮންނާނެ ނިޒާމަކާ ގުޅޭ ގޮތުން ވޯޓު ނަގާފައެވެ. އޭރު ރައީސް ނަޝީދު އިސްކޮށް ހުންނަވާ އެމްޑީޕީން ކެމްޕޭން ކުރީ ބަރުލަމާނީ ނިޒާމަކަށެވެ. ނަމަވެސް އެ ވޯޓުން ރައްޔިތުންގެ ނިންމުމަކަށް ވެގެން ދިޔައީ ރިޔާސީ ނިޒާމަކަށެވެ. އެ ވޯޓުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވިއެވެ.