ފޭރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ވަނީ އޭނާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފައެވެ. އޭނާއަކީ، އުމުރުން 21 އަހަރުގެ ގދ. މަޑަވެލި/އުދަރެސް، އަހްމަދު އަބާން ވަހީދެވެ. ފުލުހުން ބުނީ އޭނާ ހޯދަމުން ދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދާ ފޭރުމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެހެންކަމުން، އަބާންއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާ ނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅައި އެކަން ހިއްސާކޮށް ދިނުމަށް ފުލުހުން އެދެއެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ފުލުހުން ވަނީ މީގެ ކުރިން ވެސް އެކި މައްސަލަތަކާ ގުޅިގެން ހޯދަމުން ދާ މީހުންގެ ފޮޓޯ އާންމުކޮށް، އާންމުންގެ އެހީތެރި ކަމަށް އެދިފައެވެ. މީގެ އިތުރުން އެކި މައްސަލަތަކާ ގުޅިގެން ހޯދަން ޖެހޭ މީހުން ހޯދުމަށް ފުލުހުން ދަނީ ސީސީޓީވީ ފޫޓޭޖްތައް ބޭނުން ކޮށްގެން އާންމުންގެ އެހީއަށް އެދެމުންނެވެ.

އެގޮތުން ފުލުހުން ވަނީ އަމިއްލަ މީހެއްގެ އޮފީހެއް ފަޅާލައި އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައްޔާއި، ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއްގައި ވެސް މީހުން ހޯދުމަށް ސީސީޓީވީ ފޫޓޭޖް އާންމުކޮށްފައެވެ. އަދި ތޫމް ރެސްޓޯރެންޓުން ވައްކަން ކުރި ދެމީހަކާއި، ޔޫރޯ އޮފީހުން ވައްކަން ކުރި މީހަކު ހޯދަން ވެސް ސީސީޓީވީ ފޫޓޭޖް އާންމު ކޮށްފައި ވެއެވެ. މީގެ އިތުރުން އައިޖީއެމްއެޗް ސަރަހައްދު މޫދުގައި މަރުވެފައި އޮތް މީހެއްގެ މަރާ ގުޅޭ މައުލޫމާތު ހޯދުމަށް ވެސް ފުލުހުން ވަނީ އޭނާ ދަތުރު ކުރި މަގުތައް ސީސީޓީވީ ފޫޓޭޖް ތަކުން ބަލައި، އެ ފޫޓޭޖުތައް އާންމު ކޮށްފައެވެ.