ޔޫކޭއިން ކޮވިޑް-19ގެ އާ ސްޓްރެއިން އެއް ފެނި، ކޮންޓްރޯލް ވުމެއް ނެތި ފެތުރެމުން ދާތީ ރާއްޖޭގައި ސަލަމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މަޝްވަރާތައް ކުރަމުން ދާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ރޭ އެޗްއީއޯސީން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ޔޫކޭގައި ފެތުރެމުން ދާ ކޮވިޑްގެ އާ ސްޓްރެއިން އާ ބެހޭ މައުލޫމާތު ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން މިހާރު ރާއްޖޭގައި އަޅާފައި ހުރި ފިޔަވަޅުތައް ހަރުދަނާ ކޮށް، ތަންފީޒު ކުރެވޭ މިންވަރު އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިކަހަލަ ކޮންމެ ސްޓްރެއިންއެއް އައުމުގެ ކުރިންވެސް ނޫނީ އައުމުން ވެސް އެ ވައިރަސް އިތުރަށް ފެތުރުން ރައްކާތެރި ކުރުމަށްވެސް ކުރަންޖެހޭ ކަންކަމަކީ ހަމަ އާންމުކޮށް ވެސް މި ކުރާ ކަންކަން ކަމަށެވެ. އެހެންކަމުން ހާއްސަކޮށް ފަތުރުވެރިން އަންނަ ތަންތަނުގައި މިހާރު އަޅާފައި ވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އެކަންކަން ގާތުން ބަލާ މޮނިޓާ ކުރުމަކީ އެތަންތަނުގެ އިސްވެރިންގެ ޒިންމާއެއް ކަމަށެވެ. އަދި ކޮންމެ ސްޓްރެއިން އަކަސް، އާންމު ސާފުތާހިރުކަން ރަނގަޅަށް ހިފެހެއްޓިއްޖެ ނަމަ، ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވެފައި ވާއިރު، ޔޫކޭގައި މި ސްޓްރެއިން ފެތުރެމުން ދަނީ ކޮންޓްރޯލް ވުމެއް ނެތިއެވެ. އެހެންކަމުން އެ ގައުމުގައި މިހާރު ވަނީ ލޮކްޑައުން އިއުލާން ކޮށްފައެވެ. އަދި މިކަމާ ގުޅިގެން ގިނަ ގައުމުތަކަކުން މިހާރު ވަނީ ޔޫކޭއަށް ކުރާ ދަތުރުތަކާ، ޔޫކޭއިން އެ ގައުމުތަކަށް ކުރާ ދަތުރުތައް މަޑުޖައްސާލާފައެވެ. ސައުދީ އަރަބިއްޔާއިން ވަނީ އުމްރާ ދަތުރުތައް ވެސް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިންވެސް ވަނީ ޔޫކޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ އާ ވޭރިއަންޓްގެ ކޭސްތައް ޑެންމާކް، ނެދަލަންޑްސް އަދި އޮސްޓްރޭލިއާއިން ފެނިފައިވާކަން ހާމަކޮށްފައެވެ. އިބްތިދާއީ ހޯދުންތަކާ ހަވާލާދީ ޑަބްލިއުއެޗްއޯއިން ބުނީ އާ ވޭރިއަންޓަކީ މާ ހަލުވި މިނެއްގައި ފެތުރޭ ކޮރޯނާވައިރަހެއް ކަމަށާ، މިއީ ބައެއް ޓެސްޓުތަކަށް ވެސް އަސަރު ފޯރުވަނިވި ވޭރިއަންޓެއް ކަމަށެވެ.

އާ ވޭރިއަންޓެއް ކަމަށް ބުނެވެނީ، އާއިލާގެ މެމްބަރުންގެ ތެރެއިން އެއް މެމްބަރެއްގެ ޖީންއަށް ފުރަތަމަ ފަހަރަށް ބަދަލު އައުމުންނެވެ. އެއީ ޖާމް ސެލްއެއް މިއުޓޭޓްވެ ނުވަތަ ބަދަލު ވުމުގެ ސަބަބުން މެދުވެރިވާ ހާލަތަކަށެވެ.

ޔޫކޭގެ ސަރަހައްދުތަކުގައި ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް ފެތުރެމުން އަންނަ ކަން އެ ގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއާއި ސައެންސްވެރިންވެސް ވިދާޅުވެފައިވާއިރު، މި ބާވަތުގެ އިންފެކްޝަސް ރޭޓު އުޅެނީ 70 ޕަސެންޓްގައި ކަމަށްވެސް އެ ގައުމުން ވަނީ ހާމަކޮށްފައެވެ.

އާ ވެރިއަންޓްގެ މައުލޫމާތު، ޔޫކޭއިން ހިއްސާ ކުރަމުން އަންނަ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. އަދި މިކަމާ ބެހޭ އާ މައުލޫމާތު އެނގޭ ވަރަކުން، ޑަބްލިއުއެޗްއޯގެ މެމްބަރު ގައުމުތަކާ މިކަން ހިއްސާ ކުރަމުންދާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.