ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖިންސީ ގޯނާ ކުރެއްވި ކަމަށް ބުނެ މަގުމަތިން މިނިސްޓަރު އިމްރާނާއި ދިމާކުރި އަންހެން މީހާ ފުލުސް އޮފީހުގެ ވަޒީފާއިން ކަނޑާލި ކަމަށް ބުނާ މައްސަލައިގައި މިނިސްޓަރު ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ މިނިސްޓަރު އިމްރާންގެ މައްޗަށް އެތައް ތުހުމަތުތަކެއް ކުރަމުންދާއިރު އެ ތުހުމަތު ތަކަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ. އަދި އެ މައްސަލާގައި އިންސާފު ހޯދައިދޭން ޖެހޭނެ ކަމަށާއި އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ވެރިކަމެއްގައި އިންސާފު ހޯދައިދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ސިވިލް ބައިގައި މަސައްކަތް ކުރާ އެ އަންހެންމީހާ މަގާމުން ވަކިކޮށްފައި ވަނީ ފުލުހުންގެ ވަޒީފާގެ ގަވާދުގެ 107 ވަނަ މާއްދާގެ (ހ)އާ ހިލާފުވެފައިވާތީއެވެ. އެ އަދަދުގެ 5 ވަނަ ނަންބަރުގައި ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ނުވަތަ ސަރުކާރަށް ހުތުރެއް ލިބޭ ފަދަ އަމަލެއް ކުރުމަކީ އެކަމާ ގުޅިގެން ޑިސިޕްލަނަރީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމު ވެފައިވާ އެ ވީޑިއޯއިން ފެނިގެން ދަނީ އިމްރާން ހިންގަވާފައި މަގުމަތިން ވަޑައިގަންނަވިކޮށް، އެ އަންހެން މީހާ ސައިކަލުގައި އިމްރާނާ އަރާ ހަމަކޮށް އިމްރާނާ ވާހަަކަ ދައްކަން މަސައްކަތް ކުރާ މަންޒަރެވެ. ނަމަވެސް ވީޑިއޯއިން އެ އަންހެން މީހާ ދެއްކި ވާހަކައެއް ސާފެއް ނޫނެވެ.

މީގެ ކުރިން އެ އަންހެން މީހާ ވަނީ އެނާއަށް ލިބުނު ޖިންސީ ގޯނާތަކާއި އިމްރާން އޭނާއާ މެދު ކަންކުރެއްވި ގޮތް، އޯޑިއޯ މެދުވެރިކޮށް ސޯޝަލް މީޑިއާގައި ހިއްސާވެސް ކޮށްފައެވެ.

އޯޑިއޯގައި އަންހެން މީހާ ވަނީ އަދާލަތު ޕާޓީގެ އޮފީހަށް އޭނާ ގެންގޮސް އޭނާއަށް އިމްރާން ޖިންސީ ގޯނާ ކުރެއްވި ކަމުގެ ވާހަކަ ތަކެއް ކިޔައި ދީފައެވެ. އޭނާ ކިޔައި ދީފައި ވާ ގޮތުގައި މިނިސްޓަރުގެ ފަރާތުން ގިނަ އަންހެނުން ތަކަށް ވަނީ ފުރައްސާރައާ ކުރިމަތި ވެފައެވެ.

އޯޑިއޯގައި ވާހަކަ ދައްކާ އަންހެން މީހާ ބުނާ ގޮތުގައި އޭނާ އާއި މިނިސްޓަރު އިމްރާން ފުރަތަމަ ބައްދަލުވީ ފޭސްބުކްންނެވެ. ފޭސްބުކްން ބައްދަލުވެގެން ރަނގަޅު ދުއާއެއް އޮންނާނެ ކަމަށް ބުނެ ވާހަކަ ދައްކަން ފެށި ކަމަށާއި އޭގެ ފަހުން އިސްތިހާރާ ނަމާދު ކުރަން އެނގޭތޯ ސުވާލުކޮށް ޕާޓީގެ އޮފީހަށް ދާން ދައުވަތު ދިން ކަމަށް އަންހެން މީހާ ބުނެއެވެ. އަދި ޕާޓީގެ އޮފީހަށް ގެންގޮސް ހިމްރާން އޭނާ އަށް ޖިންސީ ގޯނާ ކުރިކަމަށް އެނާ ވަނީ ބުނެފައެވެ.

އެމައްސަލާގައި ފުލުހުން ބުނެފައި ވަނީ އޯޑިއޯ ސޯޝަލް މީޑިއާ މެދުވެރިކޮށް ސަމާލުކަމަށް އައިސްފައިވާތީ އޯޑިއޯގެ ސައްހަކަން ބެލުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލާ ކަމެއް ނުވަން ނޫންކަމެއް ފުލުހުން ބުނެއެވެ.