ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ރިސޯޓްތައް ހުޅުވާލުމާއެކު އެތަންތަން ފުރިފައިވުމުން ރިސޯޓު މުވައްޒަފުންގެ ހަމަ މުސާރަ އާއި ވަޒީފާ ގެއްލުނު މީހުންނަށް ވަޒީފާ އަނބުރާ ދޭން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބުރާހިމް ރަޝީދު (ބޮންޑޭ) ގޮވާލައިފިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ރިސޯޓުތައް ފުރިބާރުވެ ސްޓޮޕް ސޭލް އަޅުވާފައިވާ ކަމަށާއި ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށް އަސާސީ ބޭނުންތަކަށް ބޭނުންވާ ޑޮލަރުގެ އައުޓުފްލޯ އިސްކުރުތައް ދޫކުރާން ޖެހޭ ކަމަށެވެ.

އަދި ރިސޯޓްތަކުން ކަނޑާލި މުވައްޒަފުންނަށް އަލުން އަނބުރާ ވަޒީފާ ހަމަޖައްސައިދޭން ޖެހޭނެ ކަމަށާއި ވަޒީފާގައި ތިބި، މުސާރަތައް ކުޑަކުރި މުވައްޒަފުންނަށް ކުރީގެ މުސާރަ ދޭން ޖެހޭނެ ކަމަށްވެސް ބޮންޑޭ ވިދާޅުވިއެވެ.

ރިސޯޓުތައްފުރިބާރުވެ ސްޓޮޕް ސޭލްވަނީ އަޅުވާފައެވެ.! ދިވެހި ފައިސާގެ އަގު ހިފެހެއްޓުމަށް އަސާސީ ބޭނުންތަކަށް ބޭނުންވާ ޑޮލަރުގެ އައުޓުފްލޯ އިސްކުރުތައް ދޫކުރާން ޖެއެވެ! ރިސޯޓު މުވައްޒިފުންގެ ކުޑަކުރި މުސާރަތައް ބޮޑުވާންޖެހެއެވެ.! ވަކިކުރި ވަޒީފާއެއް އަނބުރާ ދޭންޖެހޭނެއެވެ !
ބޮންޑެ

ކޮވިޑުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ބޯޑަރު ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލަފައި ވާއިރު، އިއްޔެ އެކަނި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 4،760 އަށް އަރާ ވަނީ އާ ރެކޯޑެއް ގާއިމްކޮށްފައެވެ.

ބޯޑަރު ހުޅުވާލި ފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވެސް ލައްކައަކަށްވުރެ މައްޗަށް ގޮސްފައިވާއިރު، ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލު ވުމަށްޓަކައި ނިއު ނޯމަލްގެ ތެރޭގައި ރާއްޖެއަށް ފަސް ލައްކަ ފަތުރުވެރިން ޒިޔާރަތްކުރަން ޖެހޭކަމަށް ބުނެފައިވެއެވެ.

އަންނަ އަހަރަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ޓާގެޓަކީ 1.5 މިލިއަން ފަތުރުވެރިންނެވެ. އަދި މިހާރު ހާލަތަށް އަންނަ ބަދަލާއެކު، އެ އަދަދަށް ފަތުރުވެރިން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.