ކަރަންޓީނު ނުވެ، ކުރު މުއްދަތަކަށް ރަށްރަށަށް ދަތުރު ކުރާ މީހުންނަށް ދަތުރު ކުރެވޭނީ ފުލުހުންގެ ހުއްދައާއެކު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު އާންމު ކުރި ގައިޑްލައިނުގައިވާ ގޮތުން، ކަރަންޓީނު ނުވެ މުހިންމު މަސައްކަތްތައްކަށް ދާ މީހުން ހުއްދައަށް އެދި ފުލުހުންނަށް މެއިލް ކުރުމަށްފަހު އީއޯސީއަށް މެއިލް ކޮޕީ ކުރަން ޖެހެއެވެ. އަދި މީހަކަށް ހުއްދަ ދީފިނަމަ، އީއޯސީއަށާއި ދަތުރު ކުރުމަށް އެދިފައިވާ ރަށުގެ ކައުންސިލަށް ހުއްދަ ދިން ކަމުގެ މެއިލް ކޮޕީ ކުރަން ޖެހެއެވެ.
ރަށްރަށަށް ދަތުރުކުރާ މީހުން ހުއްދަ ހޯދުމަށް އެދި ހުށަހަޅަން ޖެހެނީ ދަތުރު ކުރުމަށް އެދޭ މުއައްސަސާގެ ފަރާތުންނެވެ. އެގޮތުން، ހުއްދައަށް އެދި ހުށަހަޅާ މެއިލްގައި މުއައްސަސާގެ ނަން، ދަތުރު ކުރުމަށް ހަމަޖެހިފައިވާ މީހާ/މީހުންގެ ނަން، މިހާރު އުޅޭ ގޭގެ އެޑްރެސް، މަގާމް/ހައިސިއްޔަތު، އައިޑީ ކާޑު ނަންބަރު، ގުޅޭނެ ނަންބަރު ހިމަނަން ޖެހެއެވެ. އަދި ހިދުމަތް ފޯރުކޮށްދޭން ދާ ރަށާއި ހުންނަން ހަމަޖެހިފައިވާ ތަނުގެ މައުލޫމާތާއި ދަތުރު ކުރާ ތާރީހާއި އެނބުރި އަންނަ ތާރީހުގެ އިތުރުން ކުރަން ދާ މަސައްކަތުގެ ތަފްސީލު ވެސް މެއިލްގައި ހިމަނަން ޖެހޭނެއެވެ.
ކަރަންޓީނު ވުމަކާ ނުލާ ދަތުރު ކުރެވޭނީ:
- ކޭބަލް އަދި މީޑިއާ ނެޓްވޯކްގެ ހިދުމަތް ދޭ މީހުން،
- ބޭންކުގެ ހިދުމަތް ދޭ މީހުން،
- ވޯޓާ ސަޕްލައި، ކަރަންޓު ފަދަ ޔޫޓިލިޓީ ހިދުމަތް ދޭ މީހުން،
- މެއިންޓެނަންސް މަސައްކަތަށް ކުރާ މީހުން،
- ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ކަންތައްތައް ބެލުމާއި ވަގުތީ ގޮތުން ދޭން ޖެހޭ ހިދުމަތްތައް ދޭ މީހުން،
- ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ އެކިއެކި މަޝްރޫއާ ގުޅޭ މަސައްކަތްތައް ކުރާ މީހުން،
- މިނޫން އާންމު ހިދުމަތްތަކާ ގުޅޭ އެހެނިހެން މަސައްކަތް ކުރާ މީހުންނެވެ.
އެޗްޕީއޭގެ އުސޫލުގައި ވާ ގޮތުގެ މަތިން، ދަތުރުކުރަން ހަމަޖެހިފައިވާ މުވައްޒަފަށް ފުލުހުން ދޭ ހުއްދަ، އޭނާ ދަތުރަށް ފެށުމުގެ ކުރިން ކައުންސިލާ ހިއްސާ ކުރުމަކީ މަސައްކަތް ހިންގާ މުއައްސަސާގެ ޒިންމާއެކެވެ. އަދި އޭނާ ކުރަ ދަތުރުގައި ހުރުމާއި ކެއިން ބުއިމުގެ އިންތިޒާމު، ރަށުގެ އެހެން މީހުންނާ ވަކިން ހަމަޖެއްސުމަކީ ވެސް މުއައްސަސާގެ ޒިންމާއެކެވެ.
ތީހަމައެކައްޗެއް ތިހާވަނީ ފުލުހުންވެސް އޮންނާނީ މިހާރުވެސްއެދާބޭފުޅުންނައް ބޮޑުހުއްދައެއްދީފަ އާދައިގެ ރައްޔިތަކައް ތިހުއްދައެއްވެސް ނުލިބޭނެ