މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އަށް ބޭނުންވާ ތެޔޮ ހޯދުމުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރާ 8 މިލިއަން ރުފިޔާގެ ވައްކަމަކާ ގުޅިގެން އެމްޕީއެލްގެ މުވައްޒަފުން ތަކެއްގެ އިތުރުން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މުވައްޒަފުންތަކެއް ވެސް ސަސްޕެންޑް ކޮށްފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ، މިހާތަނަށް އައި އިރު އެމްޕީއެލްގެ ތެލުގެ ވައްކަމުގެ މައްސަލައާ ގުޅިގެން އެ ކުންފުނިގެ 5 މުވައްޒަފެއް ވަނީ ސަސްޕެންޑް ކޮށްފައި ކަމަށެވެ. އަދި އެމައްސަލަ އާ ގުޅިގެން މިހާތަނަށް އެއްވެސް މުވައްޒަފެއް ވަޒީފައިން ވަކިކޮށްފައި ނުވާނެ ކަމަށާއި ސަސްޕެންޑް ކޮށްފައި ވަނީ ބައުޒަރު ދުއްވާ ޑިޕާޓްމަންޓަށް ނިސްބަތްވާ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވައްކަމުގެ މައްސަލައާ ގުޅިގެން އެމްޕީއެލުން ބުނީ މިހާތަނަށް އެ ކުންފުނިން ސަސްޕެންޑް ކޮށްފައި ވަނީ، 3 މުވައްޒަފުން ކަމަށެވެ. އަދި އެ ކުންފުނިން ސަސްޕެންޑް ކުރީ ކޮން ފަންތިއެއްގެ އަދި ކޮން ޑިޕާޓްމަންޓެއްގެ މުވައްޒަފުންކަން ހާމައެއް ނުކުރެއެވެ.

"ކުންފުންޏާ ހަވާލުވެގެން މަސައްކަތް ކުރަން ފެށިފަހުން 2 އަހަރާ ގާތްވަނީ. މިހާ ހިސާބަށް އައި އިރު ގިނަ ކަންކަން ރަނގަޅު ކުރަން ފިޔަވަޅުވެސް އެޅިފައި ވާނީ. ވަރަށް ގިނަ މުވައްޒަފުން ވަކިވެސް ކޮށްފައި ވާނީ. ކުރިއަށް އޮތް ތަނުގައި ވެސް މިކަންކަން ބަލައި މައްސަލަތައް ހައްލުކޮށް ފިޔަވަޅު އަޅަން ޖެހިއްޖިއްޔާ އަޅާނަން"
މުހައްމަދު ގަސަމް

ވައްކަމުގެ މައްސަލައާ ގުޅިގެން ގަސަމް އިތުރަށް ވިދާޅުވީ، މިހާރު އެމްޕީއެލްއާއެކު އެމްއޯޔޫއެއްގައި ސޮއި ކޮށްގެން ދެފަރާތް ގުޅިގެން ތެލުގެ ވައްކަމުގެ މައްސަލަ ތަހުގީގު ކުރުމުގެ ކަންކަން ކުރިއަށް ދާ ކަމަށެވެ. ކުރީގައި ވެސް އެ ކުންފުނީގައި ހުރި މައްސަލަތައް ބަލައި ފިޔަވަޅު އަލާއި ކުށްކުރާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވާނެ ކަމަށެވެ. އެހެން ކަމުން މި މައްސަލައިގައިވެސް ރަނގަޅު ތަހުގީގެއް ހިންގައި ފިޔަވަޅު އަޅަން ޖެހުމުން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޕީއެލްގައި ތެލުގެ ވައްކަމުގެ މައްސަލައެއް ފެންމަތިވެފައި މިވަނީ ކޮވިޑް ބަލިމަޑުކަމަށް ފަހު ލޮކްޑައުން ވުމަށް ފަހު ވޭތުވެ ދިޔަ 4 މަސް ދުވަހުގެ ތެރޭގައި ބޭނުން ކޮށްފައިވާ ތެޔޮގެ އަދަދު ވަނީ އޮޕަރޭޝަންގެ މަސައްކަތާ އަޅާ ބަލާއިރު މާ މަތީގައި ހުރިކަން ފާހަގަ ވުމުންނެވެ. އެހެންކަމުން އިންޓާނަލް އޮޑިޓެއް ހެދުމަށް ފަހު ބެލިބެލުމުން ބައެއް ޑޮކިއުމަންޓްތައް ފޯޖް ކުރުމާއި އެމްޕީއެލްއަށް ނުލިބޭ ތެލެއް ލިބުނު ކަމަށް ފެންނަން ހުރުން ހިމެނެއެވެ. އަދި މިކަމަކީ ފިއުލް ސަޕްލައިގެ ބައެއް މުވައްޒަފުންގެ އެއްބައިވުމާއެކު ހިނގާފައިވާ ވައްކަމެއްގެ ގޮތުގައި ބެލެވޭ ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެފައި ވެއެވެ.

އެމްޕީއެލްގެ ވެހިކަލްތަކަށް ބޭނުންވާ ތެޔޮ ހޯދަން އެހެން ކުންފުނިތަކާ އެކު ކުރާ ވިޔަފާރީގެ މުއާމަލާތާ ގުޅިގެން ހިޔާނާތުގެ ތުހުމަތު ފެންމަތިވި މީވީ އަލަކަށް ނޫނެވެ. ތެލުގެ ވިޔަފާރީގައި ކޮންމެވެސް ދިމާލަކުން "ލީކެއް" ހޯދައި ގޯސްތަކެއް ހަދާފައިވާ މައްސަލަތައް މީގެ ކުރިން ވެސް މުއައްސަސާތަކުން ބެލިއެވެ. އެއް މައްސަލައަކީ މެރީޑިއަމުން އެމްޕީއެލަށް ތެޔޮ ސަޕްލައިކޮށްދޭ ވަރަށް ވުރެން އެތައް ގުނަ އިތުރަށް ބިލް ހަދައި އޮޅުވާލައިގެން ފައިސާ ހޯދި ކަމުގެ ތުހުމަތެވެ.

އެ މައްސަލައިގައި ތުހުމަތު ކުރީ އެމްޕީއެލް އަށް މަހަކު 60،000 ލީޓަރުގެ ތެޔޮ ވިއްކަން އެއްބަސްވެފައި ވަނިކޮށް، މެރީޑިއަމުން މަހަކު 160،000 ލީޓަރުގެ ތެޔޮ ވިއްކާ ކަމަށް އެމްޕީއެލަށް ބިލް ކުރުމެވެ. މި ތުހުމަތު މެރީޑިއަމުން ދޮގުކޮށްފައި އޮތަސް އޭސީސީން ވެސް މައްސަލަ ބެލިއެވެ. މި މައްސަލަ ދިމާވެ، އަމިއްލަ ފަރާތްތަކުން ތެޔޮ ގަތުން ހުއްޓާލައި ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހު ވެސް އެމްޕީއެލް އިން ތެޔޮ ގަންނަނީ އެސްޓީއޯގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިންނެވެ.