ސްނޯކްލިން އަށް ދިޔަ ކުއްޖަކު ގެނބިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ސްވިމިން ޓްރެކް ސަރަހައްދުގައި ސްނޯކްލިންއަށް ގޮސް އުޅުނު ކުއްޖަކު ގެނބިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު 12:30 ހާއިރު ހޮސްޕިޓަލުން ފުލުހުންނަށް ދީފައިވާ ކަމަށެވެ.

އެ ކުއްޖާ އަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ދާ ކަމަށެވެ.

މިއަދު ވަނީ ގއ. މާނަގަލަ ކައިރިއަށް ގެނބިގެން ހާލު ދެރަވި އުމުރުން 13 އަހަރުގެ ކުއްޖަކު އަވަސް ފަރުވާއަށް ގއ. އަތޮޅު ހޮސްޕިޓަލަށް ވެސް ގެންގޮސްފައެވެ.

އެމްއެންޑީއެފުން ވަނީ އެ ކުއްޖާ އިތުރު ފަރުވާ އަށް އެހޮސްޕިޓަލަށް ގެންގޮސްފައިވަނީ ނޭވާލާން އުނދަގޫ ވާތީ ކަމަށް ބުނެފައެވެ. އެމްއެންޑީއެފުން ބުނީ އެކުއްޖާ ގެނބިގެން ދަނިކޮށް ސަލާމަތްކޮށްފައިވަނީ އެކުއްޖާގެ އާއިލާ މީހަކު ކަމަށެވެ.

އެހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 01:53 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.