ޒިނޭކޮށްގެން ލިބޭ ކުއްޖަކުގެ ޑީއެންއޭ މީހަކާ ދިމާވި ނަމަވެސް އެއީ އެމީހަކު ޒިނޭކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫން ކަމަށް އިސްލާމީ ޝަރީއަތާ ހަވާލާދީ ހައިކޯޓުން ހުކުމްކޮށްފިއެވެ.

ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން، ކުޑަހުވަދޫ / ތާޖު، މުހައްމަދު ތައުފީގާއި ށ.ގޮއިދޫ / އަލި ފާތިމަތު ޝަމީމާ، ޒިނޭކުރި ކަމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހައިކޯޓުން ކުރި ހުކުމުގައި ބުނީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް، ތައުފީގުގެ މައްޗަށް އުފުލި ޒިނޭގެ ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ނިންމާފައިވާ ނިންމުމަށް ތާއީދު ކުރާ ކަމަށެވެ.

އަދި އިސްލާމީ ޝަރީއަތުގައި ކަންކަން ޝަރީއަތަށް ސާބިތު ކުރުމުގެ ވަސީލަތް ތަކުގެ ތެރޭގައި އިގްރާރާއި ހެކިބަސް ހިމެނޭ ކަމަށައި ޒިނޭ ކުރިކަން ދެގޮތަކުން ޝަރީއަތަށް ސާބިތު ކުރެވޭ ކަމަށެވެ. އެއީ ޒިނޭ ކުރި މީހާގެ އިގްރާރު ނުވަތަ އިއުތިރާފުންނާއި، މަދުވެގެން 4 ފިރިހެނުންގެ ހެކިބަހުން ކަމަށް ހައިކޯޓުން ބުނެއެވެ.

އިސްލާމީ ޝަރީއަތުގައި ޑީއެންއޭ އެއްވެސް މައްސަލައެއްގެ ހުއްޖަތެއް ނުވަތަ ގަރީނާއެއްގެ ގޮތުގައި ބޭނުން ކުރެވޭނީ އޭގައި ޝަރުއީ ގޮތުން މުހިންމު ޝަރުތުތަކެއް ފުރިހަމަވެގެން ކަމުގައި މުސްލިމު ފިގުހުވެރިން ބަޔާން ކޮށްފައިވޭ، އޭގެ ތެރޭގައި ޑީއެންއޭ ތަހްލީލުގެ ނަތީޖާ ކީރިތި ޤުރުއާނާއި ނަބިއްޔާގެ ސުންނަތުގެ އަސްލަކާ ކަނޑައެޅިގެން ހިލާފުވެގެން ނުވާނެ، އެއީ ޝަރުއީ ނުސޫސްތައް އިހުމާލުވެގެން ހިގައިދާނެތީ
ޙުކުމް

ތައުފީގު ޒިނޭ ކުރި ކަމަށް އިންކާރު ކުރި ނަމަވެސް އަންހެން މީހާ އޭޕްރީލް 13، 2016 ވަނަ ދުވަހު، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވިހާފައިވާ އަންހެން ކުއްޖާ އަކީ، އޭނާ މުހައްމަދު ތައުފީގާ އެކު ބަދުއަހްލާގީ އަމަލު ހިންގައި ޒިނޭ ކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއް ކަމަށް އަންހެން މީހާ ބުނާ ކަމަށާއި އަދި އެ ކުއްޖާގެ ޑީއެންއޭ އާއި މުހައްމަދު ތައުފީގުގެ ޑީއެންއޭ އާ ދިމާވާ ކަމަށް ދެ ކޯޓުންވެސް ވަނީ ބުނެފައެވެ.

ތައުފީގުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޒިނޭ ކުރުމުގެ ކުށުގެ ދައުވާގެ އަސާސް ބިނާވެފައި ވަނީ، އޭނާ ޒިނޭކުރި އަންހެން މީހާ ވިހެއި ކުއްޖާ އަކީ، ތައުފީގާ ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއް ކަމަށް، އަންހެން މީހާ ބުނާ ބުނުމުގެ މައްޗަށާއި، އަންހެން މީހާ ވިހެއި ކުއްޖާގެ ޑީއެންއޭ އާއި ތައުފީގުގެ ޑީއެންއޭ އާ ދިމާވާތީއެވެ.

ތައުފީގުގެ މައްޗަށް ދައުލަތުން އުފުލާފައި ވާ ޒިނޭކުރުމުގެ ކުށުގެ ދައުވާ ހަމަ އެކަނި އަންހެން މީހާ ބުނާ ބުނުމާއި، ޑީއެންއޭގެ މައްޗަށް ބިނާކޮށް ސާބިތު ވާކަމަށް ކަނޑައެޅިއްޖެނަމަ، ވިހެއި ކުއްޖާގެ ނަސަބާ ގުޅޭގޮތުން (ކުއްޖާގެ ޝަރުއީ ބަލަދުވެރި ފަރާތާ މެދު) ޝަރުއީ އަދި ގާނޫނީ ގޮތުން، ސާފުވާންޖެހޭ އެތައް ކަމެއް އެކަމުގެ މައްޗަށް ތަރައްތުބުވެގެން އަންނާނެ ކަމާއި، އެ މައްސަލައިގައި ޝަރީއަތުން ނިންމާ ނިންމުމެއްގެ ސަބަބުން މައްސަލައިގައި ނުހިމެނޭ މައުސޫމް ކުޑަ ކުއްޖެއްގެ ހައްގަކާއި މަސްލަހަތަށް އެކުއްޖާގެ ދުނިޔަވީ ހަޔާތުގައި އިއާދަ ނުކުރެވޭ ފަދަ އެތައް ކަމެއް މެދުވެރިގެން ދާނެ ކަމަަށްވެސް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

ހައި ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައި ވަނީ ތައުފީގުގެ މައްޗަށް ހުށަހެޅުނު ދައުވާއަށް އޭނާ އިންކާރު ކޮށްފައި ވާ ކަމަށާއި ދައުލަތުން ތައުފީގުގެ މައްޗަށް ކުރި ޒިނޭގެ ދައުވާ ސާބިތު ކުރުމުގެ ގޮތުން 4 ފިރިހެނުން، ހެކިންގެ ގޮތުގައި ހުށަހަޅާފައި ނުވާ ކަމަށެވެ.

އަންހެން މީހާ ތައުފީގާ ޒިނޭ ކުރިކަމަށް ބުނެ، ވެފައިވާ އިއުތިރާފަކީ އޭނާ އަމިއްލަ ނަފުސުގެ މައްޗަށް އިއުތިރާފުވެ ދީފައިވާ ހެކިބަހެއް ނަމަވެސް އެކަމުގެ މައްޗަށް އަނެކާ އިންކާރުކުރާ ހާލުގައި އޭނާގެ ހެކިބަހުގެ މައްޗަށް ބިނާކޮށް ޝަރުއީ ގޮތުން ޒިނޭގެ ކުށް ސާބިތު ކުރުމަށް ކަނޑައެޅިފައި ވާ މިންގަނޑުން ހެކިންގެ ނިސާބު ހަމަ ނުވާނެ ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

މީގެ އިތުރުން ހައި ކޯޓުގެ ހުކުމުގައި ބުނީ އިސްލާމީ ޝަރީއަތުގައި ދަރި ނަފީ ކުރުމަށް ލިއާން ކުރުން ފިޔަވައި އިތުރު އެހެން މަގެއް ދައްކާފައި ނުވާ ކަމަށާއި ނަސަބު ސާބިތުކޮށް ނަފީ ކުރުމުގައި، ޑީއެންއޭ އަކީ ހުއްޖަތެއް ނޫން ކަމަށް އިސްލާމީ ޖުމްހޫރު ފިގުހު އިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާކަމަށެވެ.

އަދި ޒިނޭ ކޮށްގެން ލިބޭ ދަރިން ނިސްބަތްވާ ފިރިހެނަކު ހޯދުމަށް ޑީއެންއޭ ޓެސްޓު ހެދުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހުން ކަނޑައަޅައިފައި ވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ބުނެއެވެ.