އިންސާފުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ދައުވާ އުފުލަން ޖެހޭނީ ރައީސް މުހައްމަދު ނަޝީދަށް ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ، އިއްޔެ އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމަކީ ރައްޔިތުން އިތުބާރު ކުރާ ނިޒާމަކަށް ހެދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި އެ ގޮތުން ކުށެއް ކޮށްފި މީހަކު މައާފަށް ނޭދިއްޖެ ނަމަ ޖިނާއީ ދައުވާ ފަށާއި އެމީހަކު ޖަލުގައި ހުންނަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އަދުރޭ ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރަހީނުކޮށް އިންސާނީ ހައްގުތަކަށް އަރައިގެންފައި ވާތީ، އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ދައުވާ އުފުލަން ޖެހޭނީ ނަޝީދުގެ މައްޗަށް ކަމަށެވެ. އިންސާފުވެރިކަމާއެކު މިމައްސަލަ އަލުން ބަލަން ފުރުސަތު ދޭން ރައީސް ނަޝީދަށް ކެރިވަޑައިގަންނަވާނެ ތޯ އައްސަވާ އަދުރޭ ސުވާލު ކުރެއްވިއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ނަޝީދުގެ މައްޗަށް ސާބިތު 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2015 ވަނަ އަހަރުއެވެ. ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ހުކުމް ކުރީ ގަވާއިދާއި އުސޫލުން ބޭރުން ކަމަށް ބައިނަލްއަގްވާމީ ޖަމާއަތްތަކުން ވަނީ ބުނެފައެވެ.

ޖަލުގައި ހުންނަވަނިކޮށް އާލާސްކަންފުޅު ބޮޑުވުމުން، ނަޝީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމުން 2016 ޖެނުއަރީގައި އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ފަހު އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އެ ގައުމުގައި ދިރިއުޅުއްވިއެވެ. އެއަށް ފަހު ނަޝީދު ރާއްޖެއަށް ވަޑައިގަތީ ނޮވެމްބަރު 1، 2018 ގައެވެ. އެއީ ވެރިކަން ބަދަލުވި ފަހުންނެވެ.