ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރުކުރި ޝަހީބް އިބްރާހިމަށް 75 އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރުގެ 3 ދައުވާ އެއް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އުފުލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެތެރޭގައި ހިމެނޭ ގއ. ވިލިނގިލި، ލައިޓްހައުސް ޝަހީބް އިބްރާހިމަށް 3 ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް އެ މައްސަލަތައް ހުށަހަޅާފައި ވަނީ އިއްޔެއެވެ. ޕީޖީ އޮފީހުން އުފުލާފައިވާ ދައުވާގައި ޝަހީބަކީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކުގެ އެންމެ އިސް މީހާ ކަމަށް ބުނެއެވެ.

ޝަހިބަށް އުފުލާފައިވާ ދައުވާތަކަކީ ޑައިމޯފީން ޓްރެފިކް ކުރުމާއި މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމެވެ.

މިއިން ކޮންމެ ދައުވާއެއްގެ އަދަބަކީ 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކު ޖޫރިމަނާ ކުރުމެވެ. އެހެންކަމުން އޭނާގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ ސާބިތުވެއްޖެ ނަމަ 75 އަހަރުގެ ޖަލު ހުކުމަކާ އެކު ބޮޑު އަދަދަކުން ޖޫރިމަނާ ފައިސާ ދައްކަން ޖެހިދާނެއެވެ.

މި މައްސަލައިގައި ފުރަތަމަ ޝަހީބު ހައްޔަރުކޮށް ބަންދުގައި 14 ދުވަހު ބެހެއްޓިއެވެ. އަދި އެނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ގެންދިއުމުން އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް ދައުލަތުން އެ މައްްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. އަދި ހައިކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުކުމް ކޮށްފައެވެ. އެކަމަށް ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދު ކޮށްފައެވެ.

ދައުލަތުން އޭނާ ބަންދު ކުރަން އެދުނީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އާއި އޭނާ ދޫކޮށްލައިފި ނަމަ ހެކިންނަށް ނުފޫޒު ފޯރުވާފާނެ ކަމަށް ބުނެއެވެ.

ޝަހީބަކީ ކުރީ ސަރުކާރުގައި ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި މީހެކެވެ. އަދި މީހާރު އޭނާ ވަނީ ޕީއެންސީގެ ކައުންސިލް މެންބަރު ކަމުން ސަސްޕެންޑު ކޮށްފައެވެ.